ފުރަތަމަ ފަހަރަށް ވެބް ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންލައިން ކޮށް ބާއްވާ، ތާރީހުން ޖާގަ ހޯދައިފިއެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ކޮވިޑް-19އާ ގުޅިގެން ދިމާވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ޕެކޭޖް އާއި ޕްރޮގްރާމްތައް ތަންފީޒު ކުރުމުގައި މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވާފައެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާ މިއަދު ބާއްވާފައި ވަނީ މައިކްރޮސޮފްޓް އޮފީސް ޓީމްސް މެދުވެރިކޮށް އޮންލައިން ކޮށެވެ. އެ ވެބް ކޮންފަރެންސް ޗެނަލްގައި 92 ބައިވެރިން ހިމެނޭއިރު، އެއީ މަޖިލީހުގައި ތިއްބަވާ 87 މެންބަރުންނާއި، މަޖިލީހުގެ ރައީސް އަދި މަޖިލިސް މަސައްކަތާ ގުޅޭ އިދާރީ މުވައްޒަފުންނެވެ.
ވެބް ކޮންފަރެންސް މެދުވެރިކޮށް ބާއްވާ މަޖިލީހުގެ ޖަލްސާތަކަށް އެންގުމާއި ޖަލްސާގެ އެޖެންޑާ މެންބަރުންނާ ހިއްސާ ކުރާނީ އެސްއެމްއެސް މެދުވެރިކޮށެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ 15 މިނިޓު ކުރިން މެންބަރުންނަށް ނޮޓިފިކޭޝަނަށް ފޮނުވާއިރު، ޖަލްސާ ފެށުމުގެ ފަސް މިނެޓް ކުރިން ވެސް ނޮޓިފިކޭޝަނެއް ފޮނުވާނެއެވެ. އަދި ކޯރަމް ހަމަނުވާނަމަ ވެސް މެންބަރުންނަށް ނޮޓިފިކޭޝަނެއް ފޮނުވުމަށް ހަމަޖެހިފައި ވާއިރު، ވޯޓެއް ނެގުމުގެ ފަސް މިނެޓް ކުރިން ވެސް މެންބަރުންނަށް ނޮޓިފިކޭޝަން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުން އަންނަ ކޮވިޑް-19 ބަލިން ރައްކާތެރި ވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލީ، މިދިޔަ ހަފުތާގައެވެ. ނަމަވެސް މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމެވީ މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ މަސައްކަތްތައް މުހިއްމު ކަމުގައި ވާތީއެވެ. މި ނިންމުން ނިންމާފައި ވަނީ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.
މިއީ، ދުނިޔޭގައި ފުރަތަމަ ފަހަރަށް ގާނޫނު ހަދާ މަޖިލީހެއް އޮންލައިން ކޮށް ކުރިއަށް ގެންދިޔަ ފަހަރެވެެ. އެގޮތުން، އިންޑިއާގެ މީޑިއާއެއް ކަމަށްވާ "ޒީ މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ބަޔަކު ތިބީ އައިސޮލޭޝަންގައި ކަމަށެވެ. އެ މީހުންގެ ތެރޭގައި މަޖިލީހުގެ ގާނޫނުހަދާ މެންބަރުން ތިއްބެވިކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ޑިމޮކްރަސީގައި މުއައްސަސާތަކުގެ މަސައްކަތް ހުއްޓިގެން ނުވާނެ ކަމަށާއި ރާއްޖޭގެ މަޖިލިސް ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށެވެ.