މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން، ބައްޓިކަލޯއާގެ ޒިއޯން ޗާޗްއަށް ހަމަލާ ދިނުމަށް ރޭވި އިސް މޭސްތިރި ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ޑިޕާމަންޓް އޮފް އިންފޮމޭޝަންގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިމައުލޫމާތު ހާމަކުރެއްވީ، ލަންކާ ޕޮލިސް މީޑިއާގެ ތަރުޖަމާޏު އެސްޕީ ޖާލިޔާ ސެނެރަތުނައެވެ.

ބަޔަކު ދުރާލާ ރާވައިގެން ދިން ޓެރަރިސްޓް ހަމަލާތައް އަމާޒުވީ 3 ފަޅިއަކާ، ކޮޅުނބުގައި އޮޕަރޭޓްކުރަމުންދިޔަ ލަގްޒަރީ ފެންވަރުގެ 3 ހޮޓަލަކަށެވެ.

އެސްޕީ ސެނެރަތުނަ ވިދާޅުވީ، ޒިއޯން ޗާޗްއަށް ހަމަލާދިނުމަށް ރޭވި އިސް މޭސްތިރި ހައްޔަރުކުރެވިފައިވަނީ، މި ހާދިސާއާއި ގުޅިގެން ހިންގި ވަރުގަދަ އަދި ކާމިޔާބު ތަހުގީގުތަކުގެ ސަބަބުން ކަމަށެވެ. ޓެރަރިސްޓް ހަމަލާގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކަށް އިންސާފު ކަށަވަރުކޮށްދިނުމަށް ސްރީލަންކާގެ ރިޔާސަތުން ކުރައްވާފައިވާ އަމުރު ތަންފީޒު ކުރަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތަހުގީގުގައި ފޫނުބެދި ހުރި ކިތަންމެ މައްސަލައެއް ހައްލުކޮށްފައިވާނެ ކަންވެސް އެސްޕީ ސެނެރަތުނަ ވަނީ ފާހަގަކުރައްވާފައެވެ. އަދި ތަހުގީގުތައް ކުރިއަށް ގެންދިޔައީ ހަލުވި ދުވެއްޔެއްގައި ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ތަހުގީގުތަކާ ބެހޭ އިތުރު ތަފްސީލު ހާމަކުރައްވަމުން އެސްޕީ ސެނެރަތުނަ ވިދާޅުވީ، ހުރިހާ ފޯނު ކޯލު ރެކޯޑެއް ދިރާސާކޮށްފައިވާނެ ކަމަށެވެ. އަދި އަމިއްލައަށް މަރުވެގެން ޒިއޯން ޗާޗްއަށް ބޮމުގެ ހަމަލާ ދިން މީހާ އެސަރަހައްދަށް ގެންގޮސްދިން ކަމަށް ތުހުމަތު ކުރެވޭ 'މައި' މީހާ ހޯދާ، ހައްޔަރުކޮށްފައިވާކަމަށާ، އެމީހަކީ، އެ ހަމަލާގެ ފަހތުގައި ހުރި މޭސްތިރިކަންވެސް އެސްޕީ ސެނެރަތުނަ ވަނީ ފާހަގަކުރައްވާފައެވެ.

ޒިއޯޒް ޗާޗްއަށް ހަމަލާދީފައިވަނީ، ނަސޯރާއިން ފާހަގަކުރަމުންދާ އީސްޓާ ސަންޑޭ ހަރަކާތް ފެށުމަށް ގިނަ ބަޔަކު ފައްޅިއަށް ޖަމާވެފައިވަނިކޮށެވެ. މި ފައްޅިއަށް ދިން ހަމަލާގައި އެކަނިވެސް 26 މީހެއްގެ ފުރާނަ ގެއްލި، 100 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.