މީޑިއާގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށާއި، މީޑިއާ ތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ބިރު ދައްކާ އަނގަ ބަންދު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހެން ބުނެފައިވަނީ އޮންލައިން ނޫހެއް ކަމަށްވާ ދިޔަރެސް ނޫހުގައި ޝާއިއު ކުރި ދެ ހަބަރެއް ނެގުމަށް ރޭގެ ވަގުތެއްގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އެ ނޫހަށް އަންގާފައިވުމާ ގުޅިގެން ނެވެ.

މިކަމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ ރާއްޖޭގައި މިނިވަން ނޫސްވެރިކަން ހުއްޓުވާ ނޫސްވެރިންގެ އަނގަ ބަންދު ކުރުމަށް ނިންމާފައިވާ ވަރަށް ބޭއިންސާފު ނިންމުމެއް ކަމުގައި އެ ކޯލިޝަނުން ދެކޭ ކަމަށެވެ. އަދި މިއީ މިނިވަން ނޫސްވެރި ކަމަށާއި ނޫސްވެރިކަމުގެ ދާއިރާގެ މުސްތަގްބަލަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.

ހަމައެއާއެކު ކޮވިޑް19 ގެ މިދަނޑިވަޅުގައި ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ގެނެސް ދިނުމަށް މަސައްކަތް ކުރަމުންދާ ނޫސްވެރިންގެ އަގުވައްޓާލައި އެފަރާތްތަކަށް ފުރައްސާރަ ކުރުމަށް ސޯޝަލްމީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުން ހިންގަމުންދާ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށްވެސް އެ ކޯލިޝަނުންވަނީ ގޮވާލަފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މީޑިއާއަކީ ޑިމޮކްރެސީގެ 4 ވަނަ ބާރު ކަމަށް ވެފައި މިނިވަން މީޑިއާއަކީ މި ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ތަނބު ކަމަށާއި، ނޫސްވެރިންނަށް ފިޔަވަޅު އަޅައި އެފަރާތްތަކަށް ބިރުދައްކާ އަނގަ ބަންދު ކުރުމަކީ ކަނޑައެޅިގެން ޑިމޮކްރެސީގެ އަސާސްތަކާ ހިލާފުކަމެެއް ކަމަށެވެ.

އަދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ލިބިފައިވާ ބާރުގެ ބޭނުން ކުރަންޖެހޭނީ އިންސާފުވެރި ކަމާއި، ހުރިހާ ފަރާތަކަށް ވެސް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީގެން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެއެވެ. އެހެންކަމުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގާއި 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދިނުމަށް ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ދިޔަރެސް ނޫހާ ގުޅޭގޮތުން އެޅި ފިޔަވަޅަކީ ވަރަށް ޒިންމާދާރު ކަން ކުޑަ ވަރަށް ނާއިންސާފު އަމަލެއްކަން ފާހަގަކޮށް އެ ކޯލިޝަނުންވަނީ އެކަން ކުށްވެރި ކޮށްފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިފަދައިން ގޮވާލާފައި ވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ އަބުރުގެ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. އެ ގާނޫނު އޭރު ފާސްކުރީ އިންސާނާގެ އަބުރަކީ ރައްކާތެރި ވެގެންވާ އެއްޗެއް ކަމަށް ބުނެއެވެ. މި ގާނޫނު ފާސްކުރިއިރު މިހާރު އިދިކޮޅުގައި ތިބި ގިނަ މެންބަރުން މި ގާނޫނާއި އެއްކޮޅަށް ވޯޓު ދެއްވިއެވެ. އެ ގާނޫނުން ނޫސްވެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ ނޫސްވެރިން ދިޔައީ މާއްދާ 27ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ވެސް ކުރަމުންނެވެ. އެ ގާނޫނު ބަޔާންކޮށްފައިވާ ގޮތުގައި އެހެން މީހެއްގެ ބަސް ނުހޯދާ ލިޔުމެއް ލިޔެފި ކަމަށް ވާނަމަ އެ ނޫސްވެރިއާ އަކަށްވެސް އަދި އެ ނޫސް މަޖައްލާއަކަށް ވެސް ފިޔަވަޅު އެޅެއެވެ. އެގޮތުގެ މަތިން އެތައް ޓީވީ ސްޓޭޝަނަކަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ފިޔަވަޅުވެސް އަޅާފައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް އުވާލެއްވީ އެ ގާނޫނެވެ.