އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ، ޔޫކޭއިން ރާއްޖެ އައުމަށްފަހު ރޯޔަލް އައިލެންޑް ކަރަންޓީން ފެސިލިޓީގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޔޫކޭއިން އައި ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާއިރު، އިނގިރޭސި ވިލާތް (އިންގްލެންޑް) އިން މިމަހުގެ 22 ވަނަ ދުވަހު ރާއްޖެއަށް ދަތުރުކުރި، 38 އަހަރުގެ ދިވެއްސަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭނާ ޕޮޒިޓިިވްކަން އެނގިފައި ވަނީ، މިމަހު 22 ވަނަ ދުވަހު ރާއްޖެ އައިސް، ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައި ވަނިކޮށް 25 ވަނަ ދުވަހު ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރުމުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެއްސަކާއި، 13 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 11 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ކުރަމުންދަނީ، އިނގިރޭސިވިލާތުން އައި ދިވެހި 2 މީހުންގެ އިތުރުން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން މި ބައްޔަށް ޕޮޒިޓިވްވި ދެ ބިދޭސީންނެވެ.