ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް 10 ޖީބީގެ ބޫސްޓާ އެއް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާތީ، ރިމޯޓް އެޑިއުކޭޝަން، ރިމޯޓް ވޯކިންގް އަދި އާއިލާއާއެކު މުނިފޫހިފިލުމަށް އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމަށެވެ.

މި 10 ޖީބީގެ ހިލޭ ލިބޭ ބޫސްޓާ މާޗް އަދި އެޕްރިލް މަހުގައި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް https://portal.dhivehinet.net.mv/home މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށާއި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރެވޭ ވަރު ބަލާލުމަށް ވެސް މި ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓްކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރިމޯޓް އެޑިއުކޭޝަން އަދި ރިމޯޓް ވޯކިންގް މަގުފަހިކޮށްދިނުމަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތުން، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ މި މަހުގައި ވަނީ ދީފައިއެވެ. އަދި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ހަމައެއާއެކު ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް 50 ޕަސެންޓް ޑިސްކައުންޓް ދީފައިވާ ކަމަށާއި ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން 25 ޕަސެންޓް ޑިސްކައުންޓެއް މި މަހާއި އަންނަ އެޕްރީލް މަހު ދޭން ނިންމާފައިވާ ކަމަށްވެސް ދިރާގުން ބުނެއެވެ. މީގެ އިތުރުންވެސް، ދިރާގުން ވަނީ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓްސް ދީފައިއެވެ.

ދިރާގުން ބުނީ މި ކަންތައްތަކުގެ ސަބަބުން ކިޔަވާ ކުދިންނާއި، ޓީޗަރުން އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެކަމަށް އުންމީދު ކުރާ ކަމަށެވެ. ދިރާގުން އިލްތިމާސް ކުރަނީ އިންޓަނެޓްގެ ހިދުމަތް މިދުވަސްރަވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުމަށެވެ. ހަމަ އެއާއެކު، ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށެވެ.

ދިރާގުން ބުނީ އަބަދުވެސް ބަލަނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށް ކަމަށެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް https://www.dhiraagu.com.mv/supporting_our_community.aspx މެދުވެރުކޮށް ލިބޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.