ވިލާ އެއާއިން ކުރަމުންދާ ފްލައިމީގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

މިކަމާ ގުޅިގެން ވިލާ އެއާއިން ނެރެފައިވާ ސާކިއުލާ އެއްގައި ބުނެފައިވަނީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން ގައުމުތަކުން އަންނަ މީހުނަށް ރާއްޖެއަށް އެތެރެވުން މަނާ ކޮށްފައިވާއިރު، ވިލާ އެއާއިންވެސް އެ އެއާލައިންގެ ދަތުރުތައް މިމަހުގެ 29ވަނަ ދުވަހުން ފެށިގެން ވައިގެ ދަތުރުފަތުރު ކުރުމުގެ ހުއްދަ ދިނުމާ ހަމައަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ދަތުރުކުރަން ޖެހޭ މުހިއްމު ހާލަތެއް ދިމާވެއްޖެ ނަމަ ވިލާ އެއާގެ ދަތުރުތައް ކުރުމަށް އެ އެއާލައިނުން އޮތީ ތައްޔާރަށް ކަމަށް ވިލާ އެއާއިން ބުނެއެވެ. އަދި އެފަދަ ހާލަތެއްގައި ދަތުރު ކުރުމަށް ކްރޫއިން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށްވެސް ވިލާ އެއާއިން ބުނެއެވެ. ވިލާ އެއާއިން ބުނީ އެ އެއާލައިންގެ ދަތުރުތައް ހުއްޓާލުމަށް ނިންމި ނަމަވެސް، އެއާލައިނުން ދޭ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން މިއަހަރު ފަހު ކުއާޓަރުގައި ވިލާ އެއާއިން އެ އެއާލައިންގެ ކަސްޓަމަރުންނަށް އާ ހިދުމަތްތަކެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށާއި، މި ދުވަސްވަރު މިކަންކަން ކުރަން މަސައްކަތްކުރާނެ ކަމަށްވެސް ވިލާ އެއާއިން ބުނެއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެެދުކަނޑާލާ ފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.