ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް މިހާރު އެންމެ ގިނައިން ފެންނަމުންދާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާ، މިދިޔަ އަހަރުގެ ފަހުކޮޅު މި ބަލި ފުރަތަމަ ފަހަރަށް ފެނުނު ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައި ވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ޗައިނާގެ ދައުލަތު މީޑިއާއިން މިކަން ކަށަވަރު ކޮށްދީފައި ވާއިރު ޓްރަމްޕް ވަނީ މިކަމާ ގުޅޭ ޓްވީޓްއެއްވެސް ކުރައްވާފައެވެ. އެގޮތުން މިކަމުގައި އެމެރިކާއާއި ޗައިނާއިން މަސައްކަތް ކުރަމުން ދަނީ އެކުގައި، ވަރަށް ގާތުން ކަމަށް ޓްރަމްޕްގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

މި ފަހަރުގެ ޓްވީޓްގައި ކޮވިޑް-19އަކީ "ޗައިނާ" ވައިރަހުގެ ގޮތުގައި ސިފަކުރެއްވުމުގައި ޓްރަމްޕް ބޭނުންކުރައްވާފައި ވަނީ ހަމައެކަނި "ވައިރަސް" މި ލަފުޒުކަން ފާހަގަކުރެވެއެވެ. އެގޮތުން މި ވައިރަހާ ގުޅޭ ގިނަ މައުލުމާތުތަކެއް ޗައިނާއަށް އެނގޭކަން ޓްރަމްޕް ވަނީ ފާހަގަ ކުރައްވާފައެވެ.

އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 85500 އަށްވުރެ މައްޗަށް އަރާފައި ވާއިރު ޗައިނާއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 81340 މީހުންނެވެ.