ޔޫއޭއީން ޕޮޒިޓިވްވި ދިވެހިމީހާގެ މައުލޫމާތު އަދިވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ސާފެއް ނުވެއެވެ.
މިހާރު ދަރުބާރު ގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މީގެ 2 ދުވަސް ކުރިން ޔޫއޭއީން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ މައުލޫމާތު އަދިވެސް އެގައުމުން ދިވެހި ސަރުކާރާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވި ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އެކަން ދިވެހި ސަރުކާރަށް ކަށަވަރު ކޮށްދެވޭނީ އެގައުމުގެ ސަރުކާރުން ދިވެހި ސަރުކާރަށް ސްޓޭޓްމަންޓެއް ދިނުމުން ކަމަށާއި، އެ ސްޓޭޓްމަންޓް މިއަދު ލިބޭނެ ކަމަށެވެ. ނަމަވެސް އަދިވެސް އެ ސްޓޭސްޓްމެންޓް ލިބިފައެއް ނުވެއެވެ.
ޔޫއޭއީން ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެފަިއވާކަން އެނގިފައިވަނީ އެގައުމުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ޕްރިވެންޝަން އިން އާންމުކޮށްފައިވާ ލިޔުމަކުންނެވެ. މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެ މައުލޫމާތު ލިބުމާއެކު އެމީހާއާ ބެހޭ މައުލޫމާތު ހިއްސާކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ.
ޔޫއޭއީގެ ހެލްތް އެންޑް ޕްރިވެންޝަން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ، ހާލީޖް ޓައިމްސް އިން ބުނީ، އެ ގައުމުން މިދިޔަ އަންގާރަދުވަހު އަލަށް ފެނުނު ކޮވިޑް-19ގެ 50 ކޭހުގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަން ކަށަވަރު ކޮށްދީފައިވާ ނަމަވެސް އޭނާ އާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ހާލިޖް ޓައިމްސުން ބުނެފައި ވަނީ އެ ގައުމުން ޕޮސިޓިވް ވެފައިވާ ގިނަ މީހުންނަކީ މީގެ ކުރިން އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާ ބައްދަލު ވެފައިވާ މީހުންނާއި، ވަރަށް ގާތުން އެކުގައި އުޅެފައިވާ މީހުން ކަމަށެވެ.
ޔޫއޭއީގައި ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރަމުން ދާއިރު، ގިނަ މީހުން ވަޒީފާ އަދާކުރަމުން ދަނީ އޭވިއޭޝަން ދާއިރާގައެވެ. އޭގެ ތެރޭގައި ޕައިލެޓުންނާއި، އެއާކްރާފްޓް އިންޖިނިއަރުންނާއި، އޭވިއޭޝަން ދާއިރާގެ އެހެން ވަޒީފާތައް އަދާކުރާ މީހުން ހިމެނެއެވެ. މިއަދު ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެ ގައުމުން ކަށަވަރުކޮށްދީފައި ވާއިރު، މިއަދު އެގައުމުން ޕޮޒިޓިވް ވެފައިވާ ދިވެއްސަކީ ޔޫއޭއީގައި ވަޒީފާ އަދާކުރާ ދިވެއްސެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ.