ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ބައި މިލިއަނަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށް ވުރެ ގިނަ ގައުމުން މި ބަލި ފެނިފައިވާއިރު، ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 500542 އަށް އަރާފައެވެ.
ރާއްޖެ ގަޑިން މިރޭ 21:22 ހިނގުމާ ހަމައަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ކޮވިޑް-19ގެ ޝިކާރައަކަށްވެގެން މަރުވި މީހުންގެ އަދަދު 22334 އަށް ވަނީ އަރާފައެވެ.
ކޮވިޑް-19ގައި އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައިވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން 7503 މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވާއިރު، އެގައުމުން 74386 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެނުނު ޗައިނާއަށްފަހު އެންމެ ގިނަ ކޭސްތަކެއް ފެނިގެން މިހާތަނަށް ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިހާތަނަށް 74982 މީހަކު ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދު 1078 އަށް އަރައެވެ.
ސްޕެއިންއަށް ބަލާއިރު 56197 މީހުން ޕޮޒިޓިވްވެފައިވާއިރު 4145 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.
ކޮރޯނާވައިރަސް ޑިޒީޒް އަށް އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާއިރު ވެކްސިންއެއްވެސް ލިބޭކަށް ނެތެވެ. ބަލިން ފެންނަ އަލާމާތްތަކަށް ފަރުވާކޮށްގެން 121214 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.