ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކަލުން އޭނާގެ އާއިލާ ސަލާމަތްކުރަން އަޅާނެ އެއްވެސް ފިޔަވަޅެއް ފާތިމާ އުއްމު ޢަލީއަށް އެޅޭކަށް ނެތެވެ. އޮހެރިގެންދާ ފެނެއް ނެތެވެ. ސައިބޯންޏެއް ނެތްތާ، ހޭންޑް ސެނިޓައިޒަރަކީ އަތްފޯރާ ފަށުން ބޭރުގައިވާ އެއްޗިއްސެވެ. 10 އަހަރު ދުވަހަށް ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން އަމިއްލަ ގެދޮރު ގެއްލިފައިވާ އުއްމު އަލީ، އޭނާގެ އާއިލާގެ 16 މެމްބަރުން ގޮވައިގެން ދިރިއުޅެމުންދަނީ ތުރުކީވިލާތާ ސޫރިޔާ ހިއްސާކުރާ ބޯޑަރުގައިވާ ވަގުތީ 3 ޓެންޓެއްގައި ކަމަށްވާއިރު ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އޮތް ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގްގެ ފިޔަވަޅުވެސް އެޅޭކަށް ނެތެވެ.
ކަންމިހެން އޮތްއިރު އުއްމު ޢަލީގެ އާއިލާއަކީ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅުން އެތައް ހަމަލާއެއް ތަޖުރިބާކޮށްފައިވާ އާއިލާއެކެވެ. އެއީ ބޮމާ ބަޑީގެ ހަމަލާތަކެވެ. އަސްކަރީ ބަރު ހަތިޔާރުގެ ހަމަލާތަކެވެ. ނަމަވެސް މިފަހަރު އެ އާއިލާއަށް ކުރިމަތިވެފައިވަނީ ހަމަ ލޮލަށްވެސް ނުފެންނަ ކުޑަކުޑަ ވައިރަހުގެ ނުރައްކަލެވެ.
ދިރިއުޅެންޖެހިފައިވާ ދަތިހާލުގެ ސަބަބުން ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅެމުންދާ ހުރިހާ ކުދިންގެ ނޭފަތުން ފެނާ ދިޔާ އަރިދަފުސް ފައިބައެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. ދާނެ ތަނެއް، އަދި ދާނެ ގޮތެއްވެސް ނެތެވެ.
ސޫރިޔާގެ މަސްރަހު ސިފަކުރަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ކޮވިޑް-19 ސޫރިޔާއަށް މިސްރާބު ޖަހާފައިވަނީ ދުވެލި ލަސް ސުނާމީއެއްގެ ގޮތުގައި ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން ފިލަން ގޮސް ވަންނާނެ އެއްވެސް ތަނެއް ސޫރިޔާގެ ރައްޔިތުންނަކަށް ނެތެވެ.
ސޫރިޔާގައި އަދިވެސް ހަނގުރާމަ ގަދަވެ ހަމަޖެހުން ލިބިފައި ނުވާ ހުޅަނގު އުތުރުގެ އިދްލީބު ޕްރޮވިންސްގެ ހާލު އިންތިހާއަށް ދަށެވެ. ސިއްހީ ވަސީލަތްތައް ތަދެވެ. 3 މިލިއަން މީހުންގެ އާބާދީއެއް އޮތް އިދްލީބަކީ، ކޮވިޑް-19އާ މާ ބޮޑު ހަތިޔާރަކާ ނުލާ ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް އާބާދީއެވެ.
ޑިސެމްބަރު މަހުގެ ހަމަނުޖެހުންތަކަށްފަހު މިލިއަނެއްހާ މީހުން ތޮއްޖެހިފައިވަނީ ވަގުތީ ކޭމްޕުތަކުގައެވެ. އިންސާނީ ކާރިސާއެއްގައި އޮތް މިސަރަހައްދަށް ސިއްހީ ބަލިމަޑުކަމުގެ ކާރިސާއަކާ ކުރިމަތިވިއިރު އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނެތެވެ. އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަމުންދާ އިދްލީބުގެ ޑޮކްޓަރެއް ކަމަށްވާ މުންޒިރު ޚަލީލު ބުނީ އެސަރަހައްދުގައި ކޮވިޑް-19 އުޅޭކަން ނުވަތަ ނޫންކަންވެސް ކަށަވަރު ނުވާކަމަށެވެ.
އިދްލީބުގެ އަދުގެ ހާލަތަށް ބަލާއިރު އާބާދީގެ ކޮންމެ 10000 މީހަކަށް ހުރީ 1.4 ޑޮކްޓަރުންނެވެ. ހޮސްޕިޓަލުތައް މިހާރުވެސް އޮޕަރޭޓްކުރަނީ އޭގެ އެންމެ ފުލް ކެޕޭސިޓީގައެވެ. 150 ޕަސެންޓް ފުރިފައެވެ. ސޫރިޔާގެ ރައީސް ބައްޝާރު އަލް އަސަދާ ދެކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި ހުރީ މުޅިއެކު 100 އެއްހާ ވެންޓިލޭޓަރެވެ. އައިސީޔޫގައި ހުރީ 200 ވަރަކަށް އެނދެވެ.
ޑރ ޚަލީލު ލަފާކުރާ ގޮތުގައި އެސަރަހައްދުގައި ކޮވިޑް-19 ފެތުރިއްޖެނަމަ 100000 އެއްހާ މީހުންގެ ފުރާނަ ގެއްލިދާނެއެވެ. އީވޯން ގުރޫޕުން ލަފާކުރާ ގޮތުގައި އާބާދީގެ 40-70 ޕަސެންޓްއާއި ދެމެދު ބަޔަކަށް ވައިރަހުގެ އަސަރު ކުރުން އެކަށީގެންވެއެވެ.
ކޮވިޑް-19އަށް ޓެސްޓުކުރުންވެސް އޮތީ އިންތިހާ ނުރައްކާ ފައްތަރެއްގައެވެ. އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރާ ސަރަހައްދުގައި މިކަން ކުރުމުގެ ގާބީލުކަމާ ވަސީލަތްތައް އޮތީ އެންމެ ޑޮކްޓަރަކަށެވެ. ދެން ހުރީ އީވޯންއިން އަމިއްލައަށް ތުރުކީވިލާތް މެދުވެރިކޮށްގެން ގަތް 300 އެއްހާ ކިޓްއެވެ. ޑަބްލިއު.އެޗް.އޯއިންވެސް ވަނީ އިދިކޮޅު ފަރާތްތަކަށް ޓެސްޓު ކިޓް ފޯރުކޮށްދޭނެކަން ހާމަކޮށްފައެވެ.
ޑަބްލިއު.އެޗް.އޯއިން ސިފަކުރާ ގޮތުގައި މުޅި ސޫރިޔާއަށް ނުރައްކާ އެބައޮތެވެ. ރިސްކު ބޮޑެވެ.
އަނެއްކާވެސް އުއްމީ ޢަލީގެ ހާލެއް ބަލާލަމާ ތޯއެވެ. އޭނާއާއި އޭނާގެ އާއިލާއަށް ހުރި ފެންފޮދު ހުރީ ނޫކުލައިގެ ކުޑަ ތާންގެއްގައެވެ. އެ ތާންގަށް ފެން ފުރަން ފެން ލޮރީއެއް އަންނަނީއެވެ. ނަމަވެސް އެއީ ކޮންމެ ދުވަހަކު ލިބޭ ނަސީބެއް ނޫނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ބަލިވިފަދައިން އެމީހުންވެސް ބަލިވެދާނެ ކަމަށް ޖެހިލުންވާކަމަށް އުއްމު ޢަލީ ބުންޏެވެ. ނަމަވެސް ބިރު ނުގަންނަކަމަށާ، ހެއްދެވި ފަރާތަށް ވަކީލު ކުރާކަމަށްވެސް އޭނާވަނީ ބުނެފައެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މުޅި ސޫރިޔާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 5 ކޭހެކެވެ.