ކޮވިޑް-19އާ ގުޅިގެން ސްޓޫޑަންޓް ލޯން ރީޕޭމަންޓް ހަ މަސް ދުވަހަށް ފަސްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދެއްކެވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޫޑަންޓް ލޯން ރީޕޭކުރަން ޖެހިފައިވާ ފަރާތްތަކުގެ ރީޕޭމަންޓް ހަ މަސް ދުވަހަށް ފަސްކޮށްދެއްވުމަށް ނިންމަވާފައި ވާކަން އިއުލާން ކުރެއްވުމާއި ގުޅިގެން މިހާރު ސްޓޫޑަންޓް ލޯނު ދައްކަން ޖެހިފައިވާ 4000 އަށްވުރެން ގިނަ ދަރިވަރުންނަށް ކޮވިޑް-19 އާއިގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
އެޑިޔުކޭޝަނުން ބުނީ ސަރުކާރުގެ އެ ނިންމުމާއި ގުޅިގެން ބީއެމްއެލް އާއި ބީއޯސީ މެދުވެރިކޮށް ދަރިވަރުން ނަގާފައިވާ ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ލޯނުތަކުގެ އިތުރުން މީރާއަށް ލޯނުރީޕޭކުރާގޮތައް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކުން މި މަހުން ފެށިގެން ހަ މަސް ދުވަހަށް ލޯނު އަބުރާދެއްކުން ފަސްކުރުމަށް ސަރުކާރުން ނިންމަވާފައި ވާތީ އެ ހަ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
އަދި ލޯނު ދައްކާ ހަލާސްކުރަން މިހާރު އެގްރީމަންޓް ކުރެވިފައިވާ މުއްދަތަށް އެގްރީމަންޓް ބަދަލުކުރުމަކާއިނުލާ ހަ މަސްދުވަސް އިތުރު ވެގެން ދާނެ ކަމަށާއި މަހުންމަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ ކަމަށްވެސް އެ މިނިސްޓްރީން ކޮށްފައިވާ އިއިލާނުގައި ވެއެވެ.
ލޯނު ސްކީމްތަކުގެ ދަށުން ނަގާފައިވާ ލޯނުތައް ސީދާ އެ މިނިސްޓްރީއަށް ފައިސާ ދައްކަމުން ގެންދާ ފަރާތްތަކުން ވެސް މި ހަ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ލޯނު ރީޕޭކުރާކަށް ނުޖެހޭނެ ކަމަށާއި ކަމާގުޅޭ އިދާރާތަކާއިއެކު އެކަމުގެ އިންތިޒާމް ހަމަޖައްސަމުންދާނެ ކަމަށެވެސް އެ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ސްޓޫޑެންޓްލޯނު ނަގާފައިވާ ފަރާތްތަކުން ލޯނުގެ ފައިސާ އަބުރާދައްކަމުންގެންދާ ބޭންކަށް، އެބޭންކަކުން އަންގާ ގޮތަކަށް އަމަލުކުރަމުން ގެންދިއުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
އެޑިޔުކޭޝަނުން ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފައި ވާއިރު، ހައުސިން ލޯނުތައް ދެއްކުންވެސް ވަނީ ހަ މަސް ދުވަހަށް ލަސްކޮށްފައެވެ. މީގެ އިތުރުން ރައްޔިތުން ނަގާފައިވާ ގިން ލޯނުތައް ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސުން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތައް، އަނބުރާ ދެއްކުން 6 މަސްދުވަހަށް ލަސްކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސްދުވަސް އިތުރުކޮށްދޭން އެ ބޭންކުން ވަނީ ނިންމާފައެވެ.