ސިއްހީދާއިރާއަށް ހިދުމަތް ކުރަމުންދާ ޑރ ތޯރިގު ލުބާނީ އަށް ލިބެމުންދިޔަ އެއް އިރުޝާދަކީ ހުރިހާ ޕޭޝަންޓުންނަކަށް ފަރުވާ ކުރުމުގެ އިރުޝާދެވެ. އެމީހަކު އުޅޭ ތަނެއް މުހިންމު ނޫންކަމާ، ކޮންމެ މީހަކީވެސް އިންސާފުވެރި ގޮތެއްގައި ސިއްހީ ހިދުމަތް ލިބުން ހައްގު މީހެއް ކަމުގެ ފަލްސާފައެވެ. ނަމަވެސް، ކެނެޑާއާއި ފަލަސްތީނަށް ނިސްބަތްވާ ޑރ ލުބާނީއަށް، މިއީ އަދި ހަގީގަތް ނޫންކަން ކިތަންމެ ރަނގަޅަކަށްވެސް ގަބޫލުކުރެވެއެވެ.
"އަހަރެން ކެނެޑާގެވެސް މަސައްކަތްކުރިން. ގައްޒާގަވެސް. ފާހަގަކުރަން ބޭނުން ގައްޒާގެ ޕޭޝަންޓުންނަށް އެއް ފެންވަރެއްގައި ފަރުވާ ނުދެވޭކަން" ޑރ ލުބާނީ ބުންޏެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިގެން ދިޔައީ ސިއްހީ ބޭސްފަރުވާގެ ނިޒާމާ ދިމާލަށެވެ. ސިއްހީ އާލާތްތަކާ ވަސީލަތްތަކާ ދިމާލަށެވެ. ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ބައެއް ގައުމުތަކަށް ކުރި ލިބޭއިރު، އަނެއް ބައެއް ގައުމުގެ ސިއްހީ ދާއިރާ އިނދެޖެހެނީއެވެ.
ހުރިހާ ކޮޅަކުން ބައްދާލާފައިވާ ގައްޒާއަކީ ދުނިޔޭގައި މިވަގުތު އެންމެ ތޮއްޖެހިފައިވާ ސަރަހައްދުތަކުގެ ތެރެއިންވެސް ނިކަމެތި ސަރަހައްދެކެވެ. އަހަރުތަކަކަށް ދިގުލާ ގޮސްފައިވާ ފިއްތުންތަކަކާއެކު ގައްޒާއަށް މިހާރުވެސް ކުރިމަތިލާންޖެހޭ އެތައް ދައްޗެއް އެބަހުއްޓެވެ. ސިއްހީ ނިޒާމު މިހާރުވެސް ވަނީ ވިއްސިވިހާލިވެފައެވެ.
ޑރ ލުބާނީ ބުނީ ގައްޒާގެ ސިއްހީ ހިދުމަތްތެރިން ތައްޔާރު ވަމުންދަނީ މަސްރަހު އެންމެ ގޯސްވެގެންދާނެ ކަމަށް ބަލައިގެންނެވެ. ކޮވިޑް-19އަށް ޕޮޒިޓިވް 2 ކޭސްއެއް ގައްޒާއިން ފެނުމާއެކު މި ބިރުވެރިކަން އިންތިހާއަށް ނުތަނަވަސްވިކަން އޭނާ ފާހަގަކުރެއެވެ. ޑރ ލުބާނީ ވަނީ ހުސްވި މަހުގެ 2 ހަފުތާއެއްހާ ދުވަސް ގައްޒާގައި އަމަލީ ގޮތުން ހިދުމަތްކޮށްފައެވެ.
ތްރީޑީ ޕްރިންޓިންގް
ޑރ ލުބާނީއަކީ ކެނެޑާގެ އޮންޓާރިއޯ ޕްރޮވިންސްގެ ހޮސްޕިޓަލެއްގެ އެމާޖެންސީ ރޫމްގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. ގައްޒާގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް، ގައްޒާގެ މެޑިކަލް ޓީމާއެކު އެނާ މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއްވެއްޖެއެވެ.
ގައްޒާއަށް ކަރަންޓްގެ ހިދުމަތް ލިބެނީ ދުވާލެއްގެ 24 ގަޑިއިރުގެ ތެރެއިން 6 ގަޑިއިރަށެވެ. މިކަމަށް ހައްލެއް ހޯދުމަށް ޑރ ލުބާނީ ވަނީ ހޮސްޕިޓަލުގައި ސޯލާ ޕެނަލް ހަރުކުމަށް 2015 ވަނަ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 2 ލައްކަ 6 ހާސް ދޮލަރު އެއްކޮށްފައެވެ. މީގެ އިތުރުން އޭނާވަނީ ގްލީއާ ޕްރޮޖެކްޓްގެ ނަމުގައި ތްރީޑީ ޓެކްނޮލޮޖީގެ އެހީގައި ހެޔޮ އަގެއްގާ ސިއްހީ އާލާތްތައް އުފެއްދޭނެ މަޝްރޫޢެއްވެސް ފަށާދީފައެވެ. ގައްޒާގެ ޑޮކްޓަރުންނަށް ބޭނުންވާ ސްޓެތީޒްކޯޕް ފަދަ ތަކެތި އުފައްދަނީ މި ގޮތަށެވެ.
ކޮވިޑް-19އާ ގުޅިގެން ގްލީއާ ޕްރޮޖެކްޓް އަމާޒުކޮށްފައިވާ ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ފޭސް ޝީލްޑް އުފެއްދުމަށެވެ. ޑރ ލުބާނީ ބުނާ ގޮތުގައި މިއިން ކޮންމެ ޔުނިޓަކަށް ހޭދަވަނީ ގާތްގަނޑަކަށް 7 ޑޮލަރެވެ. އަދި މިއީ ދެވަނަ ފަހަރަށް ބޭނުންކުރެވޭނެ ޔުނިޓެއް ކަންވެސް އޭނާ ފާހަގަކުރެއެވެ. ނަމަވެސް ހަމައެކަނި މިފަދަ މާސްކުތަކެއް ލިބުމަކުން ގައްޒާގެ ކާރިސާއަށް ނިމުން ނެތްކަން ޑރ ލުބާނީ ފާހަގަކުރެއެވެ.
"ކެނެޑާއަށް ބަލާނަމަ ފޭސް މާސްކްއަކުން ފޫބެއްދިދާނެ. އެކަމަކު ގައްޒާއަށް ބަލާއިރު މިއީ ބުރިޖެއް ކަހަލަ އެއްޗެއް. ގައްޒާގައި ދެފަރާތުން ކުރެ ކޮޅަކަށް ފައިބެގެންދާނެ ތަނެއް ނެތް" ހާލަތު ސިފަކޮށްދެމުން ޑރ ލުބާނީ ބުންޏެވެ.
ގައްޒާ ނާމާންކަމެއްގެ ތެރޭގަ
އިސްރާއީލާ މިސްރުގެ ފިއްތުންތަކާ ފަލަސްތީނިއަން އޮތޯރިޓީގެ ހަރުކަށި އުސޫލުތަކުގެ ތެރޭގައި ފިތިފައި އޮތް ގައްޒާއަށް ކޮވިޑް-19އަކީ ނާމާން ހަނގުރާމައެކެވެ. ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިންވެސް ވަނީ، މިކަމަށް ގައްޒާ ތައްޔާރު ނޫންކަން ހާމަކޮށްފައެވެ.
ސިއްހީ ނިޒާމު އިނދަޖެހިފައެވެ. އިންތިހާ ފަގީރު ކަމެވެ. ބަރޯސާވަނީ އިންސަނީ އެހީއަށެވެ. އުމްރާނީ ބިނާވެށި އޮތީ ސުންނާފަތިވެފައެވެ. ދިރިއުޅުމާ އާންމު ސިއްހަތުގެ ހާލަތު އިންތިހާއަށް ދައްޗެވެ.
ސިއްހީ ހިދުމަތުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޒާތުގެ މާސްކެއް އެކަށީގެންވާ މިންވަރަކަށް ނެތެވެ. އަންގީގެ ހާލަކީވެސް މިއީއެވެ. ރެސްޕިރޭޓާއެއް ނެތެވެ. ނަމަވެސް މިއީ ކޮވިޑް-19އާ ކުރިމަތިލުމަށް ބޭނުންވާ އެންމެ އަސާސީ އާލާތްތަކެވެ.
މިކަމަށް އޮތީ އެންމެ ހައްލެއް ކަމަށް ޑރ ލުބާނީ ބުނެއެވެ. އެއީ ގައްޒާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް މިހާރުން މިހާރަށް ލުއި ދިނުމަށެވެ. ވަގުތީ ގޮތުންވެސް އެކަން ވާންޖެހޭ ކަމަށް އޭނާ ބުނެއެވެ. އަދު މި އޮތް ގޮތަށް އޮވެއްޖެނަމަ ވަރުގަދަ ކާރިސާއަކާ ގައްޒާ ކުރިމަތިލުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް ޑރ ލުބާނީ ބުނެއެވެ.