72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓޤ ޑިޕާޓްމަންޓަށް ލިބުނު އިންޓެލިޖެންސަކާ ގުޅިގެން 9 ދުވަހުގެ މުއްދަތަށް ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ހަމީދު ވިދާޅުވީ، މި އޮޕަރޭޝަނުގައި 61.06 ކިލޯގެ ހީރޮއިން އަތުލައިގަނެވިފައިވާ ކަމަށާއި މި ތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ހަމީދު ވިދާޅުވީ، މި އޮޕަރޭޝަނުގައި ޖުމްލަ 11 ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 7 މީހަކު ހައްޔަރުކޮށްފައި ވަނީ މަސްދޯންޏަކުން ކަމަށެވެ. އަދި މާލެއާ ހުޅުމާލެއިން 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ މައުލޫމާތުދެއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 11 ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު، ދާދި ފަހުން ފުލުހުން ވަނީ މިދިޔަ ޖެނުއަރީމަހު 30 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި 9 މީހެއްގެ ވަނަވަރު ވެސް އާންމުކޮށްފައެވެ. މިއީ ގދ. ހޯޑެއްދޫގައި ހިންގާފައިވާ އޮޕަރޭޝަނެކެވެ.

މިކަމާ ގުޅިހެން ފުލުހުން ބުނީ ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ގެންގުޅެ، ފުޅާދާއިރާއެއްގައި އެތަކެތި ޓްރެފިކް ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ އެރަށުގެ 10 ގެއެއް ބަލައި ފާސްކޮށްފައި ވާ ކަމަށެވެ. އެ ގެތައް ބަލައި ފާސްކުރި އިރު މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އަލާތްތައް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެ އޮޕަރޭޝަންގައި ނުވަ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން އަދި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން ވަނީ ހޯދާފައެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައި ވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވެސް ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.