މީގެ 1 އަހަރު ކުރިން ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ 2 މިސްތިކިތަކަށް ވަދެ ބަޑީގެ ހަމަލާތަކެއް ދީ 51 މީހެއްގެ ފުރާނަ ދުއްވާލި މައްސާލާގައި ދައުވާ ލިބޭ މީހާ، އޭނާގެ ކުށަށް އިއުތިރާފުވެއްޖެއެވެ.
ހުކުރު ނަމާދު ވަގުތާ ދިމާކޮށް ހިންގި މި ޓެރަރިސްޓް ހަމާލަގައި ދައުވާ ކުރަމުންދަނީ، އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްއަށް ނިސްބަތްވާ، އުމުރުން 29 އަހަރުގެ ބްރެންޓަން ޓެރަންޓްއާ ދެކޮޅަށެވެ. އޭނާ ވަނީ 51 މީހަކު މަރާލިކަމުގެ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފައެވެ. މީގެ އިތުރުން އިތުރު 40 މީހަކު މަރާލަން އުޅުނު ކަމަށާ، ޓެރަރިޒަމްގެ ދައުވާއަށްވެސް ޓެރަންޓަން ވަނީ އިއުތިރާފުވެފައެވެ.
މިފަހަކާ ޖެހެންދެކަށްވެސް އޭނާދިޔައީ މި ހުރިހާ ދައުވާއަކަށް އިންކާރު ކުރަމުންނެވެ. އަދި ޖޫން މަހު ކޯޓަށް ދިއުމަށްވެސް އޭނާ ދިޔައީ ތައްޔާރުވަމުންނެވެ.
މުޅި ދުނިޔެ ސިއްސުވާލީ ހަމަލާތަކާ ގުޅިގެން ޓެރަންޓް، ދައުވާއަށް އިއުތިރާފުވެފައިވަނީ ކްރައިސްޗާޗް ހައިކޯޓުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒްގެ ސަބަބުން ލޮކްޑައުން ހާލަތުގައި ނިއުޒީލަންޑް ވަނިކޮށް ކުރިއަށްދިޔަ ޝަރިއަތުގެ މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ދީފައެއް ނުވެއެވެ. މި މަޖިލީހުގައި ޓެރަންޓްއާއި އޭނާގެ ވަކީލުންވެސް ބައިވެރިވީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ. ކަންމިހެން އޮތްނަމަވެސް، ޓެރަންޓްގެ ހަމަލާތައް އަމާޒުވި މިސްކިތުގެ މަންދޫބަކު މި މަޖިލީހުގައި ވަނީ ބައިވެރިވެފައެވެ.
މައްސަލަ ބަލަމުންދާ ފަނޑިޔާރު ކެމެރަން މެންޑާ ވިދާޅުވީ، އޭނާގެ ކުށަށް ޓެރަންޓް އިއުތިރާފުވި މަންޒަރު ހަމަލޮލުން ބަލާލުމުގެ ފުރުސަތު، އެ ހާދިސާގައި މަރުވެދިޔަ މީހުންގެ އާއިލާތަކަށް ނުލިބުނީތީ ހިތާމަކުރައްވާކަމަށެވެ.
ޓެރަންޓްގެ ހަމަލާތަކުގައި އަނބިމީހާ މި ދުނިޔެއާއި ވަކިވެދިޔަ ފަރީދު އަހުމަދު ބުނީ، އޭނާގެ ދުއާގައި އަބަދުވެސް ޓެރަންޓް ހިމަނާ ކަމަށާ، ޓެރަންޓް އެ ނިންމީ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި ކުށަށް އޭނާ އިއުތިރާފުވިކަމަކީ ރަނގަޅު ފެށުމެއް ކަމަށްވެސް ފަރީދު އަހުމަދު ވަނީ ސިފަކޮށްފައެވެ.
ޖުމުލަ 92 ދައުވާއަކަށް ޓެރަންޓް އިއުތިރާފުވެފައިވާއިރު، މިމައްސަލަތަކުގައި އޭނާގެ މައްޗަށްހުކުމް އިއްވާނީ އަދި ފަހުގެ ތާރީހެއްގައެވެ. މެއި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ޖަލު ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައެވެ. އަދި އާންމު ހާލަތަށް ކޯޓުތައް ރުޖޫއަވުމުގެ ކުރިން ޓެރަންޓްގެ މައްޗަށް ހުކުމް އިއްވުމުގެ ނިޔަތެއް ނެތްކަންވެސް ފަނޑިޔަރު މެންޑާ ވަނީ ހާމަކުރައްވާފައެވެ.