ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން 6 މަހަށް ފަސްކޮށްފިއެވެ.
ބީއެމްއެލުން މިކަން ހާމަކޮށް ނޫސްބަޔާނެއް ނެެރެފައި ވާއިރު، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން އެ ބޭންކުން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމިކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.
ބީއެމްއެލުން ބުނީ މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލުން މިވަނީ މި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްފައި ކަމަށެވެ. އަދި މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރު ކުރެވިގެންދާނެތީވެ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށްވެސް 6 މަސްދުވަސް އިތުރު ކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.
މީގެ އިތުރުން ލޯނު ދެއްކުން ފަސްކުރާ 6 މަހަށް ފަހު، ޖެހިގެން އަންނަ 6 މަސްދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު 20 ޕަސެންޓް މަދުކޮށް ދެއްކުމުގެ ފުރުސަތުވެސް ހަމަޖެހިފައިވާ ކަމަސް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލްގެ ޕާސަނަލް، ހައުސިން، އަދި ބިޒްނަސް ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން 6 މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިމަހު 1 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މިފުރުސަތު ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ލޯން އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުން ކަމަށް އެ ބޭންކުން ބުނެއެވެ.
އެގޮތުން، މާޗު މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުން ދެއްކޭނެގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ދަައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޓިޑް ކާޑާއި އޯވާޑްރާފްޓް އަށް ދައްކަންޖެހޭ ފައިސާ ނުހިމެނޭ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
މީގެ އިތުރުން، ލޯނު އަނބުރާދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް 6 މަސް ދުވަހު ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް މި 6 މަސްދުވަހު ދަައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި 6 މަސް ދުވަހު ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކޮށް ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެ ަކމަށ ބީއެމްއެލުން ބުނެއެވެ. އަދި ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލެއް ގެނެވިފައި ނުވާއިރު، މިހާރުވެސް ލޯނަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލޯނަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.