ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ ސަބަބުން ރާއްޖޭގައި ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކަށް ވާވަރަށް ކާޑުގެ ބާވަތްތައް ސްޓޮކް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިހާރުވެސް ހުރިހާ ރަށްރަށުގައި އެއް މަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 10 މަހަށް ވާވަރަށް ހަކުރާއި ހަނޑުލުގެ ސްޓޮކް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް 6 މަސްދުވަހަށް ވާވަރަށް ފުށުގެ ސްޓޮކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެ މިހާރު މިއޮތީ ލޮކްޑައުންގެ ހާލަތެއްގައި ކަމަށެވެ. އަދި މަވަގުތަކީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި އަދި މިއީ ވަކި ކުލައަކަށް އޮތް ކަމެއް ނޫން ކަމަށެވެ. މި ދަނިޑީވަޅުގައި ލޮކްޑައުންގެ ހާލަަތަކަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށާއި ސަރުކާރު މިއޮތީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައި ވަނީ، ކާބޯތަކެތީ އަސާސީ ކާޑުގެ ބާވަތްތަކުގެ ގޮތުގައި ބަލާ ހަނޑޫ، ފުށް އަދި ހަކުރުގެ ޝިޕްމަންޓް މިހާރުވެސް ހުރީ ތައްޔާރަށް ކަމަށާއި، ދިވެހިންނަށް ހާއްސަކޮށްފައިވާ މި ޝިޕްމަންޓް ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށެވެ. ކާޑުގެ އެހީގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެނީ ގާތްގަނޑަކަށް 20 ދުވަހުގެ ސްޓޮކްއެކެވެ. އެގޮތުން 1500 މެޓްރިކް ޓަނުގެ ހަނޑުލާ، 500 މެޓްރިކް ޓަނުގެ ހަކުރު މިހާރުވެސް ޓުޓިކޮރިން ބަނދަރުގައި ލޯޑުކުރަމުންދާ ކަމަށް ހައިކޮމިޝަނުގެ ޓްވީޓްގައި ވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުނު ފަހުން މިއީ ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މިހާތަނަށް ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮވިޑް-19 އަށް 13 ބިދޭސީއަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެތެރެއިން 8 މީހަކު ވަނީ މިހާރު މި ބަލިން ރަނގަޅުވެފައެވެ. ބަކީ ތިބި 5 މީހުންނަށް ފަރުވާދެމުންދާ އިރު އެމީހުންގެ ހާލު ރަނގަޅުކަމަށް އެޗްޕީއޭއިން ބުނެއެވެ.