ކޮވިޑް-19 އާ ގުޅިގެން ނޭޕާލް ލޮކްޑައުންގެ ހާލަތަކަށް ދިއުމުން އެ ގައުމުގައި ތިބި ދިވެހި 17 ދަރިވަރުން ހާލުގައި ޖެހި ގޮތް ހުސްވެ ވަނީ މާޔޫސް ކަމެއްގެ ތެރޭގައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ގައުމުގައި ތިބި ދިވެހި ދަރިވަރެއް ބުނީ، ލޮކްޑައުންގެ ހާލަތަށް ދާނެ ކަން ނޭނގި ތިއްބާ އެ ހާލަތު އައުމުން އަވަހަށް އެ ކުދިން އެއާޕޯޓް ކައިރީ ހުރި ހޮޓަލަކަށް ދިޔަ ކަމަށާއި އަދި އެ ފަދަ ހާލަތަކަށް ތައްޔާރުވެފައި ނެތުމުން މިހާރު އެކުދިން ތިބީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށެވެ.

މި ވަގުތުގެ ހާލަތު އޮތް ގޮތް ކިޔައިދެމުން ދަރިވަރު ބުނީ، އެ ގައުމު ލޮކްޑައުންގެ ހާލަތަށް ގޮސްފައިވާ ކަމަށާއި އެ ގައުމުގެ ވައިގެ ބަނދަރުން އެއްވެސް ފްލައިޓެއް އައުމާއި ދިއުން ހުއްޓިފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު އެ ކުދިން ތިބީ ގޮތް ހުސްވެފައި ކަމަށާއި އެ ފަދަ އެއްވެސް ހާލަތަކަށް ތައްޔާރުވެފައި ނެތުމުން ކާބޯތަކެތި އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ސާމާނު ގަނެފައި ނުވާ ކަމަށް ދަރިވަރުން ބުނެއެވެ.

"މިއަދު ހެނދުނު 6 ޖެހުމަށްފަހު މިތާންގެ ހުރިހާ މަގުތަކެއްވެސް ބަންދު، ވެހިކަލްވެސް ނުދުއްވޭ، މިއަދު 4:40 އަށް ފްލައިޓް ހަމަޖެހިފައި އޮތީ، ދެން 1 ޖަހާއިރު އެއާޕޯޓަށް ދާން ނިންމާފައި އޮއްވާ ރޭގަ 12 ޖެހިއިރު ލޮކްޑައުންކަން އިއުލާންކުރީ. ރޭގަ ދެން އަވަހަށް އެއާޕޯޓް ކައިރީ ހުރި ހޮޓަލަކަށް ހުރިހާ ކުދިން މި އައީ އިން ކޭސް ފްލައިޓެެއް ހަމަޖެހުނަސް އެއާޕޯޓަށް ދާން ފަސޭހަވާނެ ގޮތަށް ބަލާފައި"
ނޭޕާލްގައި ހުރި ދިވެހި ދަރިވަރެއް

ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތައްވެސް ބަންދުކޮށްފައިވާ ކަމަށާއި އެއްވެސް މީހަކު މަގުތަކަށް ނުކުމެ އުޅުން މަނާ ކޮށްފައި އޮތް ހާލަތުގައި އެކުދިންނަށް ކެވޭނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނުވާކަމަށް ބުނެއެވެ. މިއަދު އެކުދިން ކެއީ ނޫޑްލްސް ޕެކެޓްކޮޅެއް ހޯދައިގެން ކަމަށްވެސް ބުނެފައިވެއެވެ.

ކަތަމަންޑޫގެ ހޮޓެލެއްގައި ތިބި ދިވެހި ދަރިވަރުން ބުނި ގޮތުގައި އެ ދަރިވަރުން ތިބީ އެ ހޮޓެލްގައި ތާށިވެފައެވެ. ކަތަމަންޑޫގެ އެ ހޮޓެލްގައި މިވަގުތު ޕޮކްރާއިން އައި ކުދިންނާއި، ބިރާތްނަގަރުން އައި ކުދިންނާއި ކަތަމަންޑޫން އައި ދިވެހި ދަރިވަރުން އެބަ ތިބި ކަމަށް އެ ތަނުން ދަރިވަރަކު ކިޔައިދިނެވެ.

"ސަރުކާރުން އަޅުގަނޑުމެން ގެންދާ ގޮތަށް އޮތީމަ ލޮކްޑައުންއަކަށް އެއްޗެހި ސްޓޮކްކޮށް ރެޑީއެއްވެސް ނުވޭނެ ނޫންތޯ؟ މާލެއަށް ގެއަށް ދެވޭނެ ކަން އިނގޭތީ ދަބަސް ޕެކްކޮށްގެން އައިސް މިތިބީ ކަތަމަންޑޫގެ ހޮޓެލެއްގައި."
ނޭޕާލްގައި ހުރި ދިވެހި ދަރިވަރެއް

ދުރު ހިސާބުތަކުން އައި ކުދިންގެ ތެރޭގައި 4 ދުވަސް ވަންދެން ހޮޓަލުގައި މަޑުކޮށްގެން ތިބި ކުދިންވެސް އެބަ ތިބި ކަމަށް ދަރިވަރަކު ބުނެއެވެ. އަދި އެތަނުގައި ހޮޓަލެއްގައި ހުރުމަކީ ވަރަށް ބޮޑު ހަރަދެއް ކަމަށް އެ ކުދިން ބުނެއެވެ. މިއަދާ ހަމައަށް އައި އިރު ނޭޕާލުގައި ތިބި ދަރިވަރުންގެ ތެރެއިން 3 ބެޗެއް ރާއްޖެއަށް އެނބުރި އައުމަށް ފުރަންގޮސްފައިވާ އިރު ހޮނިހިރު ދުވަހުން ފެށިގެން ހޮޓަލުގައި މަޑުކޮށްގެން ތިބި ދަރިވަރުން ތިބި ކަމަށް ވެސް ދަރިވަރަކު ބުނެއެވެ.

މިވަގުތު އެ ހޮޓަލުގައި ތިބީ 14 ކުދިން ކަމަށާއި ކައިރީގައި ހުރި އެހެން ހޮޓަލެއްގައި 3 ކުއްޖަކު އެބަތިބި ކަމަށް ދަރިވަރު ކިޔައިދިނެވެ. އެކުދިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ހަމަޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ރާއްޖެއަށް ދެން ދެވޭނީ ޗާޓަޑް ޕްލައިޓެއް ފޮނުވައިގެން ކަމަށް ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ އެކުދިން ބުނެއެވެ.

"މިތަނުގެ ވަރަށް ގިނަ ބޭފުޅުންނާ ވާހަކަ ދައްކައިފިން. އެ ބޭފުޅުން ބުނަނީ ނޭޕާލުން ކުރެވޭނެ ކަމެއް ނީންނާނޭ. ދެން ރާއްޖޭގެ ސަރުކާރުން އެޕްރޯޗް ކުރީމައޭ އެއްވެސް ކަމެއް ވަނީ. ބިކޮޒް އިޓްސް އަ ލޮކް ޑައުން އޭ."
ނޭޕާލްގައި ހުރި ދިވެހި ދަރިވަރެއް

ނޭޕާލުގައި ތިބި ދަރިވަރުންގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށް ރާއްޖޭގެ ސަރުކާރުން ބުނި ކަމުގައި ވިޔަސް އެ ކުދިން މި ވަގުތު ތިބި ހާލަތު ސަރުކާރަށް އެނގޭހެން ހީނުވާކަމަށްވެސް އެ ދަރިވަރުން ބުނެއެވެ.

ނޭޕާލް ގަޑިން މިއަދު ހެނދުނު 06:00 އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް އެގައުމު ލޮކްޑައުން ހާލަތަށް ގެންގޮސްފައި ވަނީ، ބޮޑުވަޒީރުގެ ނައިބު އަދި ދިފާއީ ވަޒީރު އިޝްވާރު ޕޮކްރީލް ކުރިއަށް ގެންދެވި މަތީ ފެންވަރުގެ ބައްދަލުވުމަކަށް ފަހުގައެވެ. މި ބައްދަލުވުމަކީ ނޭޕާލުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް 2 ވަނަ ކޭސް އެއް ފެނުމާއެކު ރައްކާތެރިކަމުގެ ގޮތުން އެގައުމުން އެޅި ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.