އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އެންމެ ވަރުގަދަ އެއް އެއާލައިން ކަމަށްވާ އިއްތިހާދުގެ ފްލައިޓްތަކުގައި ދަތުރުކުރެވޭ އުސޫލުތަކަށް ހަރުކަށި ބަދަލުތަކެއް ގެނެސްފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު ވައިގެ އުދުހުންތަކުގެ ސިނާއަތަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ މި ދަނޑިވަޅުގައި އިއްތިހާދު އެއާވޭޒްއިން ބުނީ އެ އެއާލައިންގެ ފްލައިޓްތަކުގައި ބައިނަލްއަގުވާމީ މަންޒިލްތަކުން ދެން ދަތުރުކުރެވޭނީ ޔޫއޭއީގެ ރައްޔިތުންނާއި، ޑިޕްލޮމެޓުންނަށް އެކަނި ކަމަށެވެ. އަދި އެމީހުންނަށްވެސް އެ ފްލައިޓްތަކުގައި ދަތުރުކުރެވޭނީ، ދަތުރުގެ އެންމެ ފަހު މަންޒިލަކީ އަބޫދާބީ ކަމުގައިވާނަމަ އެކަނި ކަމަށްވެސް އިއްތިހާދު އެއާވޭޒްއިން ވަނީ ބުނެފައެވެ.

ބުދަ ދުވަހުން ފަށައިގެން އިއްތިހާދު އެއާވޭޒްގެ ޕަސެންޖާ ފްލައިޓްތައް އޮޕަރޭޓްކުރުން ހުއްޓާލަން ނިންމާފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުގައެވެ.

ވައިގެ އުދުހުންތަކުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކު، މުވައްޒަފުންގެ 1 މަސްދުވަހުގެ މުސާރައިން 50 ޕަސެންޓް އުނިކުރަން ހަމަޖެހިފައިވާކަމަށްވެސް އިއްތިހާދު އެއާވޭޒްއިންވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ވައިގެ އުދުހުންތަކާ ވަޒީފާއާއި ގުޅިފައިވާ އިތުރު އެލަވަންސްތައް ކަނޑާލާނެކަން އެ އެއާލައިންއިންވަނީ ހާމަކޮށްފައެވެ. މިއީ ވަޒީފާ ގެއްލުމުގެ މައްސަލަ ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއްކަންވެސް އެއާލައިންއިންވަނީ ފާހަގަކޮށްފައެވެ.

އިއްތިހާދު އެއާވޭޒްގެ ޕަސެންޖާ ފްލައިޓްތައް މެދުކަނޑާލަނީ 2 ހަފުތާގެ މުއްދަތަށެވެ. އިއްތިހާދު އެއާވޭޒްއަކީ ރާއްޖެއަށްވެސް ގިނަ ފްލައިޓްތަކެއް އޮޕަރޭޓްކުރަމުންދިޔަ، މަގުބޫލު އެއާލައިންއެކެވެ.