ކޮވިޑް-19 އިން ރައްކާތެރިވުމަށް ފެނަކީ މުހިއްމު އެއްޗަކަށް ވާއިރު ސާފު ރައްކާތެރި ބޯފެން އިސްރާފު ނުކޮށް ފެން ބޭނުން ކުރަން އާދަކުރަންޖެހޭ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

ދުނިޔޭގެ ބައިނަލްއަގުވާމީ ފެނުގެ ދުވަސް ފާހަގަކުރަމުން އެމްޑަބްލިއުއެސްސީން ބުނީ، ފެނުގެ ދުވަސް ފާހަގަ ކުރާ އިރު، މިކުންފުނިން ދޫކުރާ ސަޕްލައި ފެން ނުވަތަ އިސްކުރު ފެނަކީ ސާފު ރައްކާތެރި ބޯ ފެން ކަން ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ. އެގޮތުން އެ ފެން ތައްޔާރު ކުރަނީ ޑަބްލިޔުއެޗްއޯ އަދި ރާއްޖޭގައި ކަނޑައެޅިފައިވާ މިންގަޑނޑުތަކާއި ގަވާއިދަށް ފައްތައިގެން، ބޯން ރައްކާތެރި ގޮތަށް ކަމަށާއި އެ ކުންފުނީގެ ލެބޯޓަރީން ކޮންމެ ދުވަހަކު ފެނުގެ ކޮލެޓީ ޗެކްކުރަމުން އަންނަކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ހަމައެއާއެކު ދުނިޔޭގައި ސާފު ރައްކާތެރި ބޯފެން ހޯދުމަށް އެތައް ސަތޭކަ މޭލަކަށް ދަތުރުކުރަންޖެހޭ ބަޔަކު ދިރިއުޅެމުން އަންނަކަން ހަނދާން ކުރަންޖެހެ ކަމަށާއި އަދި ސާފުފެން ބޭނުންކުރާ އިރު އިސްރާފުނުކޯށް ބޭނުންކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ކޮވިޑް-19 ސަލާމަތްވުމަށް ރައްކާތެރިކަމާއެކު އަތް ދޮވުމަށްސަމާލުކަން ދިނުން މުހިއްމު ބައެއް ކަންކަން އެ ކުންފުނިން ފާހަގަކުރެއެވެ.

  • އަތްތިލަ މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން ރަނގަޅަށް ދޮންނަން ސިއްހީ މާހިރުން ލަފާދެއެވެ.
  • ސައިބޯނިން ދެ އަތް އުނގުޅާއިރު އަތްތިލައިގެ ފަހަތާއި، އިނގިލިތަކުގެ ދޭތެރެއާއި، ނިޔަފަތިތަކުގެ އަޑި ހިމެނުމަށް ސަމާލުކަން ދޭން ޖެހެއެވެ.
  • ފެން އިސްރާފު ނުވާގޮތަށް އަތްދޮންނަށް އާދަކުރުމަކީ މުހިއްމުކަމެކެވެ. މިގޮތުން، ސައިބޯނިލައިގެން 20 ސިކުންތު ވަންދެން އަތް އުނގުޅާއިރު، ފެން އިސްކުރު ބަންދުކޮށްފައި ބެހެއްޓުމުން ފެން އިސްރާފުވާ މިންވަރު ކުޑަވާނެއެވެ.
  • ޖަރާސީމާއި ވައިރަހުން އަތް އިތުރަށް ރައްކާތެރިކުރުމަށްޓަކައި، އަތް ދޮވުމަށްފަހު ޓިޝޫއަކުން ނުވަތަ ސާފު ތުވާއްޔަކުން ރަނގަޅަށް އަތް ހިއްކާލުންވެސް އެހާމެ މުހިއްމެވެ.
  • ސައިބޯންޏާއި އިސްކުރުފެން ނެތް ހާލަތެއްގައި، މަދުވެގެން 60% އަލްކަހޯލް ހިމެނޭ ސެނިޓައިޒަރ އެއް ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. މުޅި އަތްތިލައިގެ ހުރިހާ ދިމާލެއް ސެނިޓައިޒް ކުރުމަށްޓަކައި މަދުވެގެން 20 ސިކުންތު އަތް އުނގުޅަންވާނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަގިނައިން އަތް ދޮވުމަށް ބާރުއަޅާ އިރު އިތުރަށް ސަމާލުކަމެއް ދޭންޖެހޭ ކަންކަމުގެ ތެރޭގައި:

  • ކެއްސާ، ކިނބިހި އެޅުމަށް ފަހު އަދި ނޭފަތް ފޮޅުމަށް ފަހު
  • އާންމުން އެއްވެ އުޅޭތަނަކަށް ޒިޔާރާތްކޮށްފިނަމަ. (މިވަގުތު ގޭތެރޭގައި މަޑުކުރުމަކީ ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވާ ގޮތް)
  • ގެއިން ބޭރުގައި، އެއްވެސް ކަހަލަ ތަނެއްގައި އަތްލުމަށްފަހު. ނުވަތަ ފައިސާގައި އަތްލުމަށްފަހު
  • ބަލި މީހަކަށް އެހީތެރިވުމުގެ ކުރިންނާއި، ބަލިމީހާ ބަލަމުންދާ ވަގުތު އަދި އޭގެ ފަހުން
  • ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން
  • ފާހާނާ ބޭނުންކުރުމަށްފަހު
  • ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން
  • އުކާލެވޭ އެއްޗެހީގައި އަތްލުމަށް ފަހު
  • ގެންގުޅޭ ޖަނަވާރު ފަދަ އެއްޗެއްގައި އަތްލުމަށް ފަހު
  • ތުއްތު ކުދިންގެ ނެޕީ ބަދަލު ކުރުމަށްފަހު ނުވަތަ ކުޑަކުދިން ފާހާނާ ބޭނުންކުރުމަށް އެހީތެރިވެދިނުމަށްފަހު
  • ފެންނަ ފެނުމަށް އަތްތިލަ ހަޑިވެފައި ހުރިނަމަ

އެމްޑާބްލިއުއެސްސީން ބުނީ، ކޮވިޑް-19 ބައްޔާ ދެކޮޅަށް ތެދުވެވޭނީ ސާފުތާހިރު ކަމުގެ އާދަތަކުގައި ހިފައިގެން ކަމަށާއި، އަދި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތައް އަޑުއަހާ، ބޯލަނބަލުމުން ދިއުމަކީ މިވަގުތު ކުރުން މުހިއްމު ފަރުދީ ޒިންމާއެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީ އަކީ ރާއްޖޭގެ ފެން ކުންފުންޏަށް ވީއިރު ކޮންމެ އަހަރަކުވެސް ފެނުގެ ދުވަސް ފާހަގަ ކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.