ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ސިންގަޕޫރުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާއިރު، އެ ގައުމަށް ދަތުރުކުރާ ދިވެހިންނާ އެ ގައުމުގައި މިހާރުވެސް ދިރިއުޅެމުންދާ ދިވެހިން ސަމާލުވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިން ގޮވާލައިފިއެވެ.

ސިންގަޕޫރުގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިރޭ ސިންގަޕޫރު ގަޑިން 23:59 އިން ފެށިގެން އެ ގައުމަށް ފަތުރުވެރިން ވަނުން އަދި ޓްރާންސިޓްކުރުން މަނާކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ސިއްހީ އަދި ދަތުރުފަތުރުގެ ދާއިރާފަދަ ހާއްސަ ދާއިރާތަކުގައި މަސައްކަތް ކުރާ ބިދޭސީން ފިޔަވައި، ސިންގަޕޫރުގައި މަސައްކަތް ކުރާ އެހެން ބިދޭސީން އެގައުމަށް އެނބުރި ދިއުން އަދި ވަނުންވެސް މަނާކުރަން ވަނީ ނިންމާފައެވެ.ކަންމިހެން އޮތްއިރު، މި ދުވަސްތަކުގައި ސިންގަޕޫރަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް ދިވެހި ހާރިއްޖިއްޔާއިންވަނީ އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ހާރިޖިއްޔާއިން ވަނީ ގޮވާލާފައެވެ. މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ދިވެހި ހާރިޖިއްޔާއިން އިލްތިމާސްކުރެއެވެ.

ސިންގަޕޫރުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ދިވެހި ހާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ހާރިޖީ ވުޒާރާގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ދަފުތަރު ކުރުމަށްވެސް އެ ވުޒާރާއިންވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ސިންގަޕޫރަށް ދަތުރުކުރާ، އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ދިވެހި ހާރިޖިއްޔާއިންވަނީ ގޮވާލާފައެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީ މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި ދިވެހި ހާރިޖިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.