ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު ހަވީރު 5:58 ހާއިރު ހުޅުމާލޭގައި އުމުރުން 7 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ، ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެހެންކަމުން މިފަދަ މައްސަލަތައް ރިޕޯޓްކުރާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، އުތުރުގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަައެއްގައި މިދިޔަ ހުކުރު ދުވަހު ވަނީ 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި މިއަދުވެސް އުތުރުގެ ރަށެއްގައި 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން، މިއަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހު، މިފަދަ ގިނަ މައްސަލަތަކެއް ވަނީ ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކޮށްފައެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް އަޑުއުފުލާ، ގިނަ ބަޔަކު ވަނީ މިކަމަށް ހޭލުންތެރި ކޮށްފައެވެ.