ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދުބާއީގެ މަޝްހޫރު އެއާލައިން، އެމެރޭޓްސްއިން ފަސެންޖަރުން ގޮވައިގެން ދުނިޔޭގެ އެކި މަންޒިލްތަކަށް ކުރާ ހުރިހާ ދަތުރެއް މެދުކަނޑާލަން ނިންމައިފިއެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ބޮޑުވެ، ގައުމުތަކުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފްލައިޓް އޮޕަރޭޝަންތަކަށް ހުރަސް އެޅެމުންދިއުމުގެ ސަބަބުން އެމިރޭޓްސްގެ ޕަސެންޖާ ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުން ފަށައިގެން ކަމަށް އެމިރޭޓްސް ގުރޫޕުން ވަނީ ހާމަކޮށްފައެވެ.
އެމެރިޓޭސްއިން މިހާރުވެސް ވަނީ ބައިނަލްއަގުވާމީ ބައެއް ރޫޓުތަކަށް ކުރަމުންދިޔަ ދަތުރުތައް މަޑުޖައްސާލާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 30 އަށްވުރެ ގިނަ ގައުމު ލޮކްޑައުން ހާލަތަށް ގެނެސް، ވައިގެ ބަނދަރުތައް ބަންދުކޮށްފައި ވީ ނަމަވެސް، ޚަރަދުތައް ދެކޮޅު ޖެއްސެނިވި މިންވަރަކުން ބައެއް ފްލައިޓްތައް އެޅުން އެކަށީގެންވާކަމަށާ، އެއީ ޑިމާންޑަށް ބެލުމަށްފަހު އަޅާނެ ފްލައިޓްތަކެއް ކަމަށްވެސް އެމިރޭޓްސް ގުރޫޕުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ބޮޑެތި މަންޒިލްތަކަށް ކުރަމުންދާ ކާގޯ ދަތުރުތަކާ، ސިއްހީ އަދި އަސާސީ މުދާ ހިފައިގެން ކުރާ ކާގޯ ދަތުރުތައް ކުރިއަށް ދާނެ ކަމަށްވެސް އެމިރޭޓްސް ގުރޫޕުން ވަނީ ހާމަކޮށްފައެވެ.
މުއްދަތެއް ނެތް ގޮތަށް ޕަސެންޖާ ފްލައިޓްތައް މެދުކަނޑާލާފައި ވީ ނަމަވެސް އެ ގުރޫޕުން ދަނީ ވަރަށް ގާތުން ހާލަތު ވިލަރެސް ކުރަމުން ކަމަށާ، ފުރުސަތު ލިބުނު ހާ އަވަހަކަށް ޚިދުމަތްތައް އަލުން ފަށާނެ ކަމަށް އެމިރޭޓްސް ގުރޫޕުގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ޝައިހް އަހުމަދު ބިން ސައީދު އަލް މަކްތޫމް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19އާ ގުޅިގެން ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކަށް މީގެ ކުރިން އޮތް ޑިމާންޑް އިންތިހާއަށް ދަށަށް ގޮސްފައި ވާއިރު އެމެރޭޓްސްއަށްވެސް އެކަމުގެ އަސަރު އިންތިހާއަށް ކުރަމުންދާކަމަށް އެ އެއާލައިންއިންވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށާ، ނަމަވެސް މުސާރަ ކުޑަކޮށްފައިވާކަމަށްވެސް އެމިރޭޓްސް ގުރޫޕުންވަނީ ހާމަކޮށްފައެވެ.
މިހާރުވެސް އެމިރޭޓްސްއިން ދަނީ ކޮވިޑް-19އިން ރައްކާތެރި ވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރު ނޫން ދަތުރުތައް ނުކުރުމަށް މުވައްޒަފުންނަށް އިރުޝާދު ދެމުންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހުރިހާ ބޯޓުތަކެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް އެކުންފުނިން ގަވައިދުން ކުރަމުންދާކަމަށް އެމިރޭޓްސް ގުރޫޕުންވަނީ ހާމަކޮށްފައެވެ.