މާލޭ މަގުމަތީގައި ހުން އައިސްފައި އިން ބިދޭސީ މީހާއަކީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއް ނޫން ކަން ހާމަވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާގައި މާލޭގެ މާފަންނުގައި ހުންނަ ޕިއްޒާ ބޯނާ ކައިރިން ބިދޭސީއަކަށް ފުލުހުންނާއި އެޗްޕީޢޭގެ ޓީމް އެޓެންޑްވި މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމު ވެފައެވެ. އެ މީހާ ފެންނަ ވިޑީއޯގައި އެއީ ހުން އައިސްފައި ހުރި ބިދޭސީއެއް ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި އެ ބިދޭސީ މީހާއަކީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި މީހެއް ނޫން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުންނަ ޕިއްޒާ ބޯނާ ކައިރީގައި ބިދޭސީ ފިރިހެނެއް ވަރަށް ބޮޑަށް ހުން އައިސްފައި އިން ކަމަށް މިރޭ 6:43 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު އެމްބިއުލަންސްގައި އެމީހާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވިޑިއޯއިން ފެންނަނީ ޕޭމަންޓު މަތީ އޮތް ފުޅިމަދުގަނޑެއްގައި އިށީނދެގެން އިން ބިދޭސީއެއް ކަމަށް ބުނާ ފިރިހެނެކެވެ. އަނގަމަތީގައި މާސްކް އަޅައިގެން އިން ބިދޭސީ މީހާއާ ސުވާލު ކުރަން އޭނާ ކައިރީގައި ހަތަރު ވަރަކަށް ފުލުހުން ތިބި އިރު އެމީހުންވެސް ތިބީ މާސްކް އަޅައި އަތަށް އަންގި ލައްވައިގެންނެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ އިރު މަހާތަނަށް 13 ބިދޭސީންގެ ގައިން މި ބަލި ވަނީ ފެނިފައެވެ. އަދި އޭގެތެރެއިން 3 މީހަކު ވަނީ މިހާރު ރަނގަޅުވެފައެވެ.

އިޖްތިމާއީ ގައިދުރުކަމަށް ސަމާލުކަން ދިނުމާއި ގިނަ ވަގުތު ގޭގައި ތިބުމަށް އެޗްޕީޢޭއިން ގޮވާލަމުން އަންނަ މި ދަނޑިވަޅުގައި އަދިވެސް މާލެތެރޭގައި މީހުން މަގުމަތީ ހަލަބޮލިވެ އުޅޭ މަންޒަރު ފެނެއެވެ. މި ދަނޑިވަޅުގައި މާލެ މަގުމަތިން މިފަދަ މަންޒަރެއް ފެންނަ ވިޑިއޯއެއް އާންމުވުމުން ގިނަ ދިވެހިންތަކެއް ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

މިއަދާ ހަަމައަށް އައި އިރު އެތައް ދިވެހިންނެއްގެ ގައިން މި ބައްޔަށް ޝައްކުވާ އަލާމާތްތައް ފެނި ޓެސްޓު ކޮށްފައި ވެއެވެ. ނަމަވެސް މިހާތަނަށް މި ބަލި އެއްވެސް ދިވެއްސެއްގެ ގައިން ފެނިފައެއް ނުވެއެވެ.