ނޭޕާލްގައި މެޑިކަލް ކޮލެޖުގައި ތައުލީމް ހާސިލް ކުރަމުންދާ 35 ދިވެހި ދަރިވަރުން މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓުގެ ވަޒީރުންގެ މެދުގައި ހާއްސަ ބައްދަލުވުމެއް ބޭއްވި މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ނޭޕާލްގައި ތައުލީމް ހާސިލް ކުރަމުން ގެންދާ 35 މެޑިކަލް ދަރިވަރުން މާދަމާ ވަގުތެއްގައި ރާއްޖެއަށް އަންނާނެ ކަމަށާއި އަދި އިތުރު ދަރިވަރުން ޖެހިގެން އަންނަ ދުވަހު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަމައެއާއެކު ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ލުއި ފަސޭހަ ގޮތްތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ، އެހެން ގައުމުތަކުގައި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ދަރިވަރުން ގެންނަނީ ކޮވިޑް-19 ޓާސްކްފޯހާއެކު މަސައްކަތް ކުރުމަށާއި އަދި މިކަން މިހެން ކުރަނީ މިހާރު ރާއްޖޭގައި ޑޮކްޓަރީ ތަމްރީނު ލިބިފައިވާ މީހުންގެ އަދަދު ގިނަ ކުރުމަށް ކަމަށް މަބްރޫކް ވިދާލުވެފައި ވެއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން 3 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ އިއުލާން ކޮށްފައެވެ. ކޮވިޑް-19 އިން ރަނގަޅުވި 3 މީހުންގެ ތެރެއިން ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. 3 ވަނަ އަށް ރަނގަޅުވި މީހާއަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޮކްޓަރެވެ.
ކޮވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް ގައުމުތަކުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފައެވެ. ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިރާނު، އިޓަލީ، ބަންގްލަދޭޝް، ޔޫކޭ، މެލޭޝިއާގެ އިތުރުން ސްޕެއިން ހިމެނެއެވެ. އަދި ސައުތް ކޮރެއާގެ ޑޭޔުން އަދި ޖެޔުން ގޮކް އިން އާއި ޖަރުމަނުގެ ބަވާރިއާ، ނޯތް ރައިން ވެސްޓްފޭލިއާ އަދި ބޭޑެން ވިރްތަމްބާގްގެ އިތުރުން ފްރާންސްގެ އިލް ޑި ފްރާންސާއި ގްރޭންޑް އެސްޓް ވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމާފައެވެ. އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް، އެއީ ދިވެހިން ކަމަށް ވިއަސް އަދި އެއީ ވިސާތަކުގައި ރާއްޖެ އެތެރެވާ ފަރާތްތައް ކަމަށް ވިއަސް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ.