ދުނިިޔޭގެ އެތައް ބައްރެއްގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭންވެސް ފެނިފައި ވާއިރު، އެބަލި ފެތުރުނަ ނުދިނުމަށް އެންމެން ގޭގައި ތިބުމަށް ކޮވިޑް ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ގޮވާލައްވައިފިއެވެ.

އާންމުކޮށް ކުރައްވާ އިލްތިމާސެއްގެ ގޮތުގައި މަބްރޫކު ވިދާޅުވީ، ރާއްޖެއިން ކޮވިޑް19 ފެނުނު ނަމަވެސް އަޅަމުން ގެންދެވޭ ހެޔޮ ފިޔަވަޅުތަކާ އެކު، ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މި ދަނޑިވަޅަކީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއެކު އާންމުންގެ އެއްބާރުން އެންމެ ބޮޑަށް ބޭނުންވާ ވަގުތު ކަމަށާއި މިވަގުތު އެންމެންވެސް ކޮށްދޭންވީ ކަމަކީ، "އިނދެވޭހާ ގިނަ އިރަކު ގޭގައި ގޮނޑީގައި އިނުން" ކަމަށެވެ. އެގޮތަށް އެކަން ކޮށްދިނުމުން، މިހާރު އޮތް ހާލަތުން ހެޔޮ ހާލަތަކަށް އިސާހިތަކު ބަދަލުވެގެން ހިނގައިދާނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ރާއްޖޭގައި 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާރު ވަނީ 3 މީހުން ރަނގަޅުވެފައެވެ. ނަމަވެސް މި ވަގުތަކީ ރާއްޖެއިން ބޭރުގައި ތިބި އެތައް ދިވެހިންނެއް ރާއްޖެ އަންނަ ވަގުތަކަށް ވުމާއި އެތައް ބައެއްގެ ސާމްޕަން ނަގާ ޓެސްޓް ކުރެވެމުން ދާ ވަގުތެކެވެ. އަދި ވައިރަސް ޖެހި އޭގެ އަލާމާތްތައް ފެނުމާއި ޕޮޒިޓިވް ވުމާ ހަމައަށް ހިނގާ 14 ދުވަހުގެ މުއްދަތަކީ ވައިރަސް ހުރި މީހަކާ ބައްދަލުވެގެން ބަލި ފެތުރުމުގެ ފުރުސަތު އޮތް މުއްދަތެކެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ބަލި ޖެހިފައި ހުރި މީހަކު އިށީންނަތަނެއްގައި އިށީނދެވުން ނުވަތަ އަތްލެވުން، ނުވަތަ އެނޫންވެސް ގޮތަކުން އެފަދަ މީހަކާ ބައްދަލުވެ ސަލާންގަލާން ކުރެވުން، ވާހަކަ ދެއްކުމުގެ ތެރޭގައި ކުޅުތިއްކެއް ބުރައިގެން ގޮސްގެންވެސް ފެތުރިގެންދާ ނުރައްކާ ބައްޔެކެވެ.

މި ބަލި ޖެހުމުން ހުން އައިސް، ނޭވާލުމަށް އިންތިހާއަށް އުނދަގޫވާ ހާލަތު މެދުވެރިވެއެވެ. އަދި އެ ވޭނުގައި ފުރާނަ ގެއްލިދާ ނުރައްކާ ބައްޔެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މިބަލި ޖެހި މަގުމަގު ތަކާއި އެތަން މިތަނަށް މީހުން ވެއްޓިފައި އެބަތިއްބެވެ. އަދި އިޓަލީފަދަ ގައުމުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުގައި މިވަގުތުވެސް އެތައްހާސް ބަޔަކަށް ދަނީ ފަރުވާ ދެމުންނެވެ. އެނދުތައް ފުރި ޑޮކްޓަރުންނާއި ނަރުހުންގެ ހާސްކަން ވަނީ ބޮޑުވެފައެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަކީ "ސަމާސާ" ބައްޔެއް ނޫނެވެ. ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ސޯޝަލް ޑިސްޓޭންސިން ނުވަތަ އެކަކު އަނެކަކާ ގާތް ނުވެ އެންމެ ކުޑަކޮށް 3 ފޫޓުގެ ދުރުމިން ބަހައްޓައިގެން އުޅުމެވެ. އިރުއިރު ކޮޅާ އަތް ދޮވުމަކީވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ.

ސިއްހީ މާހިރުންނާއި ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތައް އަޑުނާހާ ގައިގޯޅިކޮށް އުޅުމާއި، ސައިކަލު ބުރު ޖަހަން ދިއުމާއި، ގުރޫޕު ހަދާފައި ހިނގާލަން ދިއުމަކީ "މާ ސަޅި ކަމެއް" ނޫނެވެ. ސަޅި ކަމަކީ މަބްރޫކު ވިދާޅުވާހެން "އިނދެވޭހާ ގިނަ އިރަކު ގޭގައި" އިނުމެވެ. ގޭގައި އަނބިދަރިންނާއި، މައިންބަފައިންނާއި ކޮއްކޮ، ދައްތަ، ބޭބެމެންނާއެކު ނަމާދު ކޮށްލައިގެން ޤްރުއާން ކިޔަވާލައި ކުޅެ ހަދާލުން މިވަގުތަށް މާ ބުއްދިވެރިއެވެ.