އެކި ބޭނުންތަކުގައި ސްރީލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެގައުމުގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނުވަތަ މައްސަލައަކާ ކުރިމަތިލާންޖެހިއްޖެ ނަމަ ގުޅާނެ ހޮޓްލައިނެއް، އެގައުމުގެ ހާރިޖީ ގުޅުންތަކާ ބެހޭ ވުޒާރާއިން ތައާރަފުކޮށްފިއެވެ.

"1912"ގެ ހޮޓްލައިން ތައާރަފުކޮށް އާންމުކުރި ބަޔާނެއްގައި ހާރިޖީ ގުޅުންތަކާ ބެހޭ ވުޒާރާއިން ބުނީ، މި ފިޔަވަޅަކީ އެގައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމަށް ސްރީލަންކާއިން އަބަދުވެސް ގެންގުޅޭ އާދަކާދަ، މި ހައްސާސީ ދަނޑިވަޅުގައިވެސް ދެމެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

މި ދަނޑިވަޅަކީ ހަލުވިމަކާއެކު ފެތުރެމުންދާ ކޮރޯނާވައިރސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އަވަށްޓެރި ސްރީލަންކާގައި ހަރުކަށިފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާ ދަނޑިވަޅެކެވެ. އެގޮތުން ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލާފައިވާއިރު އެގައުމުގައި މިވަގުތު އޮތީ ކާފިއުވެސް އިއުލާންކޮށްފައެވެ.

ސްރީލަންކާއިންވަނީ އެގައުމުގައި މިވަގުތު ތިބި ބިދޭސީންނަށް އެކި ގިންތިން ދޫކޮށްފައިވާ ހުރިހާ ވިސާއެއްގެ މުއްދަތަށް 30 ދުވަސް އިތުރުކޮށްދީފައެވެ. ވަޒަންވެރި ދިރިއުޅުމުގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ސްރީލަންކާއަށް ދަތުރުކުރެއެވެ.