ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް(ކޮވިޑް-19)ގެ އިގުތިސޯދީ ވޭން އެންމެ ބޮޑަށް ތަހައްމަލުކުރަންޖެހިފައިވާ ބަޔަކީ ވަޒީފާ ގެއްލެމުންދާ މަސައްކަތްތެރިން ކަމަށް ވާ ހިނދު، ވީހާވެސް ގިނަ ބައެއްގެ ވަޒީފާ ސަލާމަތްކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން، އެ މަސައްކަތްތެރިންގެ އުޖޫރަ ސަރުކާރުން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.
އެގޮތުން، ވަޒީފާއިން ވަކި ނުކޮށް މުވަޒަފުން ގެންގުޅޭ ކުންފުނިތަކުގެ މުވައްޒަފުންގެ އުޖޫރައަށްވާ ފައިސާގެ 80 ޕަސެންޓް ދައްކާނީ އިނގިރޭސިވިލާތުގެ ސަރުކާރުން ކަމުގައި ވަނީ ހަމަޖައްސާފައެވެ.
އިނގިރޭސިވިލާތުގެ ގައުމީ މާލީ ފަންޑު ނުވަތަ އެކްސްޗެކާގެ ޗާންސެލާ ރިޝީ ސުނާކު ވިދާޅުވީ، ތާރީހު ނުދެކޭ ވަރުގެ މި ފިޔަވަޅަކީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ ކާރިސާގެ ތެރޭގައި ކުންފުނިތަކުން މުވައްޒަފުން މަދުކުރާ މިންވަރު ވިހާވެސް ދަށްކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން މުޅި އިނގިރޭސިވިލާތުގައިހެން އާންމު ދިރިއުޅުން ހުއްޓުކަމަށް އައިސްފައިވާއިރު، ބައެއް ކުންފުނިތަކުން ވަނީ މި ކާރިސާގެ ތެރޭގައި އެކުންފުނިތައް އިނދަޖެހި އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ.
ސުނާކު ވިދާޅުވީ ރެސްޓޯރަންޓް/ކެފޭ ފަދަ ތަންތަން ބަންދުކުރުމުގެ ސަބަބުން، ވިޔަފާރިތަކަށް ނެދޭވެ ބޮޑު އަސަރެއް ކުރަމުންދާކަމަށެވެ.
އިނގިރޭސި މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި އެކްސްޗެކާއިން މުސާރަ ދިނުމަށް ހަމަޖެހިފައިވަނީ މިހާތަނަށް މުވައްޒަފުން ވަކިކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، މުވައްޒަފުންނަށް އަނބުރާ ވަޒީފާދޭ ކުންފުނިތަކަށް އަމާޒުކޮށްގެންނެވެ. މީގެ މާނައަކީ ވަޒީފާ ދޭ ފަރާތުން މުސާރަ ނުދެވުނު ކަމުގައި ވީ ނަމަވެސް ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދިނުން ކަމަށް ސުނާކު ވަނީ ފާހަގަކުރައްވާފައެވެ.
އިނގިރޭސިވިލާތުގައި އޮޕަރޭޓްކުރާ 2 ލައްކާއެއްހާ ވިޔަފާރި ރަމްޒުކޮށް އެފަރާތްތަކުގެ ނަމުގައި އިސްކޮށް ވަކާލާތު ކުރަމުންދާ ކޮންފެޑަރޭޝަން އޮފް ބިޒްނަސް އިންޑަސްޓްރީ (ސީބީއައި) ކުންފުނިންވަނީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ.