ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ މަރުވި މީހުންގެ އަދަދު، މިއަދު ހެނދުނު 06:50 ހިނގުމާ ހަމައަށް 11398 އަށް އަރައިފިއެވެ.
ދުނިޔޭގެ އެންމެ ދެކުނުތަނޑި ނުވަތަ އެންޓާޓިކާ ފިޔަވާ އެހެން ހުރިހާ ބައްރަކަށް ފެތުރިފައިވާ ކޮވިޑް-19އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 275864އަށް އަރައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 11 ޕަސެންޓް މީހުންގެ ފުރާނަ ގެއްލިފައިވާއިރު 91912 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.
މާޗް މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިގެން ރިޕޯޓްކުރި ފަހުން ޖުމުލަ 13 ޕޮޒިޓިވް ކޭސްއެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 2 މީހަކު މިހާރު ރަނގަޅުވެފައިވާކަން ދިވެހި ސަރުކާރުން ރޭގެ ވަގުތެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ. މިއާއެކު ރާއްޖޭގައި މިވަގުތު ކޮވިޑް-19ގެ އެކްޓިވް ކޭސް ނުވަތަ ބަލި މީހުންގެ ގޮތުގައި ލިސްޓުކޮށްފައިވަނީ 11 މީހެކެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު 185 ގައުމަކާ ސަރަހައްދަކުން މި ބަލި ފެނިފައިވާއިރު، އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިޓަލީވިލާތުންނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިޓަލީވިލާތުން މި ބަލީގައި މަރުވި މީހުންގެ އަދަދު 4032 އަށް އަރައެވެ. މިއީ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާއިން މަރުވި މީހުންނަށްވުރެވެސް އިތުރު އަދަދެކެވެ. އެންމެ ފަހުގެ ރެކޯޑްތައް ދައްކާ ގޮތުން މި ބަލީގައި ޗައިނާއިން މަރުވި މީހުންގެ ޖުމުލަ އަދަދަކީ 3255އެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ނުވަތަ ވެކްސިންއެއް އަދި ކަށަވަރުކުރެވިފައި ނުވާއިރު، ބަލި ޖެހޭމީހުންނަށް ފަރުވާ ކުރަނީ އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މި ބައްޔަށް އެމެރިކާއިން ވެކްސިންއެއް އުފައްދާ، އިންސާނުންގެ ހަށިގަނޑުގައި މިހާރު ދަނީ ޓެސްޓުކުރަމުންނެވެ. މި ޓެސްޓުތައް ކާމިޔާބުވި ކަމުގައިވީ ނަމަވެސް އާންމު ބާޒާރަށް ވެކްސިން ލިބޭވަރު ވާނީ 18 ވަރަކަށް މަސްދުވަސް ފަހުންނެވެ.