ހަލުވިކަމާއކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާގެ ނުރައްކާތެރިކަމުން ސަލާމަތްވެވޭނީ ރައްޔިތުންގެ އެއްބައިވަންތަކަން އިސްކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ދިމާވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކާ އަންގަވާ އެންގުންތަކަށް އެންމެހާ ރައްޔިތުން ކެތްތެރިކަމާ އެކު އަމަލު ކުރެއްވުން ވަރަށް މުހިންމު ކަމަށާއި މި ނުރައްލުން ސަލާމަތްވެވޭނީ އެއްބައިވަންތަކަން އިސްކޮށްގެން ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ އިރު، މާލޭ ސަރަހައްދުތަކުގެ ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކުރަން ނިންމާފައި ވަނީ މިއަދެވެ. މީގެ އިތުތުރުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި މިއަދުގެ ހުކުރު ނަމާދުގެ ބަދަލުގައި މާލެ ސަރަހައްދުގައި އިސްލާމިކް މިނިސްޓްރީގެ އެންގުމަށް ކޮށްފައި ވަނީ މެންދުރު ނަމާދެވެ.

މީގެ އިތުރުން އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އަންގާ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށާއި ރާއްޖޭގެ ހުރިހާ ސްކޫލްތައް ހުޅުވަން އިތުރު ހަފްތާއަކަށް ފަސްކުރާ ގޮތަށް ނިންމައިފައި ވާއިރު ޓިއުޝަން ކްލާސްތައް މެދުކަނޑާލަންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފައެވެ.

މީގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސިޓީ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ޓޫރިސްޓުން ޗެކިން ކުރުން ހުއްޓާލަން އަންގާ، މިހާރު އެފަދަ ތަންތަނަށް ޗެކިން ވެފައި ތިބި މީހުން، އެމީހުންގެ ބުކިންގެ މުއްދަތަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައިވެއެވެ.