ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަމުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކާއި ސިއްހީ މާހިރުން ދެމުންދާ އިރުޝާދުތަކަށް ބޯލަނބައި، ގޭގައި ތިބުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބަލީގެ ނުރައްކަލުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ބޯލެނބާ ކިޔަމަންވުމަކީ ކޮންމެ މީހަކަށްވެސް ލާޒިމު ކަމަށެވެ. ފަރުދީ ޒިންމާ އަދާކޮށް، އާންމުން ގޭގައި ތިބުމަށްވެސް މައުމޫން ވަނީ އިލްތިމާސްކުރައްވާފައެވެ.

މައުމޫން މިހެން ވިދާލުވެފައި ވާއިރު، އިއްޔެ ފުލުހުން ވަނީ އެފަދަ ބޭނުމެއް ނެތި މަގުތަކަށް ނިކުމެ އުޅޭ ފަރާތްތަކަށް ނަސޭހަތްދީ ގެއަށް ފޮނުވާލުމުގެ މަސައްކަތްތަކެއް ވެސް ފަށާފައެވެ. ނަމަވެސް ތަންތަނުގައި ޒަރޫރީ ބޭނުމަށް ކުރާ ދަތުރުފަތުރަށް ފުލުހުން ހުރަސް ނާޅާނެ ކަމަށް ބުނެފައިވެއެވެ. އަދި ގިނަ ވަގުތު ބޭރުގައި ނޫޅުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

މާލޭގެ މަގުމަތީގައި އުޅޭ މީހުން ގޭގައި މަޑުކުރަން ފުލުހުން އަންގަން ފަށާފައިވާއިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްވަންދެން ސަރުކާރުގެ އިދާރާއެއްގެ އެއްވެސް މުވައްޒަފަކު ޒަރޫރީ ބޭނުމެއްގައި ފިޔަވައި ގެއިން ބޭރަށް ނުނިކުތުމަށް ރައީސް އޮފީހުން ވަނީ އަންގައިފައެވެ.