ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ކުރެއްދޫ އައިލެންޑު ރިސޯޓުން ކަރަންޓީނު ކޮށްފައި ތިބި 32 މީހުން މިއަދު ދޫކޮށްލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) ބުނީ މިހާރު އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ކުރެއްދޫއިން 32 ބިދޭސީން، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މިދިޔަ މަހުން ފެށިގެން ރާއްޖެ އަންނަ މީހުން ކަރަންޓީން ކުރުމާއި އައިސޮލޭޝަންގައި ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެޗްޕީއޭއިން އޭތު ބުނެފައި ވަނީ ކަރަޓީން ކުރެވޭ ބައެއް މީހުން ކޮށްފައި ވަނީ ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި އެއީ ސަލާމަތާއި ރަށްކާތެރިކަމަށްޓަކައި، މިދިޔަ މަހުގެ ތިންވަނަ ދުވަހު ނެރުނު "ޓްރެވަލް އެޑްވައިޒަރީ" އަށް އަމަލު ކުރުމަށް ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ކަރަންޓީން ކޮށްގެން މީހުން ބެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަގުތަކީ 14 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަސަރެއް ނުފެންނަނަމަ އަދި ޓެސްޓުތަކުންވެސް ނެގެޓިވްކޮށް ދައްކާނަމަ ދޫކޮށްލާނެ ކަމަށެވެ.

ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީނު ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ. ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ.