ކޮވިޑް19 އާއި ގުޅިގެން ބީއެމްއެލްގެ ލޯންތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށް ފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން މަލީ ހާލަތަށް ނޭދެވޭ އަސަރު ކޮށްފައިވާ ފަރާތްތަކަށް، ބީއެމްއެލްގެ ލޯނުގެ ޕްރިންސިޕަލް އަދަދު އަދި އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަހަށް ލަސްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަށް އެދޭއިރު ކޮވިޑް19 ގެ ސަބަބުން އެ ފަރާތްތަކަށް ކުރި އަސަރުގެ ތަފްސީލީ މައުލޫމާތު ބީއެމްއެލްއާ ހިއްސާކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމަށް އެދޭ ފަރާތްތަކުން ކޮވިޑް19 އާއި ގުޅިގެން އެފަރާތްތަކަށް ނޭދެވޭ އަސަރުކޮށްފައިވާ މިންވަރު ބޭންކަށް ދައްކައިދޭން ޖެހޭނެ. އަދި އެކަން ހަފްތާއެއް ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން މިކަމުގެ ތަފްސީލް ހާމަކުރަމުން ގެންދާނެ"
އަމީރު

ބީއެމްއެލްއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަމަސް ދުވަހަށް ފަސް ކޮށްފައި ވާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިވަލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓު އަނބުރާ ދެއްކުން ހަމަސް ދުވަހަށް ފަސްކުރަންވެސް ވަނީ ނިންމާފައެވެ.

އެސްޑީއެފްސީން ބުނީ، ރާއްޖޭގައިވެސް ކޮވިޑް19 ފެތުރިފައި ވުމުން، ކޮވިޑް19 އާ ގުޅިގެން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް އެހީތެރިވުމަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމާފައިވާ ކަމަށާއި، އަދި މި ހަމަސް ދުވަހުގެ އިންޓްރެސްޓް ރޭޓް ވަނީ 4 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށެވެ.

.