ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރުމަށް ނެގި 502 ސާމްޕަލްވެސް ނެގެޓިވް ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ދަރުބާރުގޭގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރުމަށް ނެގި 517 ސާމްޕަލް ގެ ތެރއިން 502 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލް ތަކުގެ ނަތީޖާ ނުލިބި ހުރި 15 ސާމްޕަލް އެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ކަރަންޓީން ފެސިލިޓީ ތަކުގެ ތެރެއިން، ވިލިވަތުގައި 25 މީހަކާއި، ހުޅުލޭ އައިލެންޑް ހޮޓެލްގައި 75 މީހަކާއި ފަން އައިލެންޑަގައި 51 މީހަކު ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ވެލިދޫ އައިސޮލޭޝަންގައި 16 މީހަކު ބެހެއްޓިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެއިން ވެސް ކޮވިޑް-19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ހުރިހާ މީހުންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރެއިން ބައެއް މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. އަދި ބައެއް މީހުންނަކީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންނެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.