ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިވަލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓު އަނބުރާ ދެއްކުން ހަމަސް ދުވަހަށް ފަސްކުރަން ނިންމައިފިއެވެ.

އެސްޑީއެފްސީން ބުނީ، ރާއްޖޭގައިވެސް ކޮވިޑް19 ހަލުވި ކަމާއެކު ފެތުރެމުން އަންނަ އިރު، ކޮވިޑް19 އާއި ގުޅިގެން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް އެހީތެރިވުމަށް އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރަން ނިންމާފައިވާ ކަމަށާއި، އަދި މި ހަމަސް ދުވަހުގެ އިންޓްރެސްޓް ރޭޓް ވަނީ ހަތަރު އިންސައްތަ އަށް ކުޑަކުރެވިފައިވާ ކަމަށެވެ.

އެސްއެމްއީ ލޯނުތައް އަނބުރާ ދެއްކުން ހަމަހަށް ފަސް ކުރަން ނިންމާފައި މިވަނީ ރާއްޖޭގެ އިގްތިސޯދަށް ކޮވިޑް19 ގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށް ވިޔަފާރިތަކަށް އެކަމުގެ ސަބަބުން ގެއްލުން ވަމުންދާ ކަމުގެ އަޑުތަކއް ފެތުރިފައި ވަނިކޮށެވެ. އެގޮތުން ބައެއް ވިޔަފާރިވެރިން އަންނަނީ މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް އެ ވިޔަފާރިތަކުގެ ހިންގުމުގެ ހަރަދު ކުޑަ ކުރަމުންނެވެ.

މީގެއިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދިފަހުން ވަނީ ރާއްޖޭގެ އިގްތިސޯދު އޭގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަމަށް ކޮވިޑް19 ގެ ސަބަބުން އަސަރު ކޮށްފައިވާތީ ދައުލަތަށް ބޭރު ފައިސާ ލިބުން ވަރަށް ބޮޑު ތަނުން މަދުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް ލިބިފައިވާ އަންދާޒާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދާނީ ދަށްވަމުން ކަމަށާ، މިއާއެކު ދިވެހި ސަރުކާރުގެ އާމްދަނީ 135.9 މިލިއަން ޑޮލަރާ 446.6 މިލިއަން ޑޮލަރާ ދެމެދު މިންވަރަކަށް، މި ހިނގާ 2020 ވަނަ އަހަރުގެ ތެރޭގައި ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.