ހަލުވިކަމާ އެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ވިހައިގެން ތިބި މީހުން ކައިރިއަށް ދިއުން މިވަގުތަށް ހުއްޓާލުމަށް އައިޖީއެމް ހޮސްޕިޓަލުގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މޫސާ މުރާދު ގޮވާލައްވައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ މުރާދު ވިދާޅުވީ އާންމުންގެ ފަރާތުން އެއްބާރުލުން ލިބެމުންނުދާ ކަމަށާއި އަދިވެސް މަގުތައް މަތިން ބާރުބޮޑުކޮށް (ކާރޫބާރު ބޮޑުކޮށް) ފެންނަމުންދާ ކަމަށެވެ. ސަރުކާރުން މިހާލަތުގައި ފިޔަވަޅުއަޅާ ހާއްސަ ކަންތައްތަކެއް ކުރަމުން ގެންދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށް ވާއިރު އޭގެ ފުރިހަމަ ފައިދާ ލިބޭނީ ފަރުދީގަޮތުން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށްގެން ކަމަށްވެސް މުރާދު ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިލްތިމާސަކީ ޒަރޫރީ ބޭނުމަށް ނޫނީ ގެއިން ނުނިކުތުމަށެވެ. ސޯޝަލް ޑިސްޓެންސް (އެކަކު އަނެކަކާ އެހާ ކައިރި ނުވުން) ބެހެއްޓުމަށާއި އާންމުކޮަށް އެއްވެއުޅޭ ތަންތަނަށް ނުނިކުތުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ހޮސްޕިޓަލް ތަކަށްދާ މީހުންގެ މިންވަރު ވަރަށް ބޮޑުތަން މަދުވެފަ ވަނީ، ނަމަވެސް އަދިވެސް ބައެއް ހާލަތްތަކުގައި ދާންޖެހޭ ކަންތަށްތަކުގައި ނޫން ގޮތަކަށް ހޮސްޕިޓަލަށް އެބަދާކަން ފާހަގަ ކުރެވޭ، މިސާލެއްގެ ގޮތުން ފާހަގަ ކޮއްލާނީ ބަލި މީހުން ކައިރިއަށް ޒިޔާރަތް ނުކުރާށޭ ބުނީމާ ވިހައިގެން ތިބޭ މީހުން ކައިރިއަށް އެބަ ޒިޔާރަތްކުރޭ! އެއީ ބަލިމީހުންނަށް ނުވާތީ ކަންނޭގެ،
ޑރ. މޫސާ މުރާދު

އެޗްޕީއޭން މިފަދަ އިލްތިމާސެއް ކޮށްފައި ވާއިރު، އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނާއި އެހީތެރިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އޭޑީކޭ، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބަލިމީހުނަށް ޒިޔާރަތް ކުރުން ވަގުތީގޮތުން މަނާކޮށްފައެވެ.

ސަރުކާރު ބަންދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށް ވާތީ، ސޯޝަލް ޑިސްޓެންސިން ތަންފީޒު ކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސް އޮފީހުންވެސް މިއަދު ވަނީ އަންގައިފައެވެ.

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުން އަޅާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުން ގެންދިއުމަށްވެސް ދައުލަތުގެ މުއައްސަސާތަކަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.