ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން، މަޖިލީހުގައި ބާއްވާނީ ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް އެކަނި ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާ ސަރުކާރު ބަންދުކުރަން ނިންމާފައިވާ ނަމަވެސް، ރައްޔިތުންގެ މަޖިލިސް ބަންދުނުވާނެ ކަމަށާއި ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ. މަޖިލީހަށް ލިބިދާނެ ގެއްލުމަކަށް ސަލާމަތް ކުރުމަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިހުތިޔާރު މަޖިލީހުގެ ގަވާއިދުގެ 247 ވަނަ މާއްދާއިން މަޖިލީހުގެ ރިޔާސަތަށް ލިބިދީފައިވާ ކަމަށާއި ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދުނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ނަޝީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ދިމާވާނެ ކަންކަމުގެ އަންދާޒާ މަޖިލީހުގައި އޮންނަންޖެހޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ ވެދާނެ ކަމަކަށް ދުރާލާ ތައްޔާރަށް އޮންނަން ޖެހޭ ތަނެއް ކަމަށެވެ. މަޖިލީހުގެ ސްޓާފުންނާއި، މަޖިލީހުގެ މަސައްކަތްތަކުގައި އުޅޭ ގިނަ ފަރާތްތައް މި މުއްދަތުގައި މަސައްކަތް ކުރާނީ ގޭގައި ކަމަށާއި ނަމަވެސް އެއީ ޗުއްޓީއެއް ނޫންކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު މަޖިލީހުން ހަމަޖައްސައިދޭނެ ކަމަށެވެ.
މަޖިލިސް ބާއްވަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އާދީއްތަ ދުވަހުގެރޭ ދަންވަރު ވެސް ޖަލްސާ ތާވަލް ކުރާނެ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމަށެވެ. ސަރުކާރުން މަޖިލީހުގެ އެހީ ބޭނުންވާ ކޮންމެ ގަޑިއެއްގައި އެ މަސައްކަތަށް އަވަސްވެ ގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނަޝީދު ވަނީ ދެއްވައިފައެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު، މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ފާސްކޮށްފިއިވަނީ އިއްޔެއެވެ. އަދި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރާތައް ވެސް 20 އިންސައްތަ ކުޑަކުރުމަށް ވަނީ ނިންމާފައެވެ.