މިވަގުތު ސަރުކާރުގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު ޒިންމާއަކީ ހެޔޮ ގޮތުގައި ގައުމު ހިންގުން ކަމަށާ، އެއްވެސް ސަބަބަކާ ހެދި ގޯހެއް ހަދާނެ ފުރުސަތު ދެވެން ނެތްކަމަށް ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ކަށަވަރުވެފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އެގައުމުން ފެންނަ މިންވަރު ކުއްލި ގޮތަކަށް އިތުރުވަމުންދާ މިދަނޑިވަޅުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ރައީސް ވިދާޅުވީ، ދުރަށް ނުސްވިނައިފިނަމަ އިޖުތިމާއީ ދިރިއުޅުން މުޅިން ނެތި ހިނގައިދާނެ ކަމަށެވެ.

މިއީ ލީޑަރުން އަމިއްލަ ނަފުސަށް އިތުބާރުކޮށް، ތެދުވަން ވީ ވަގުތު ކަމަށާ، ނަމަވެސް އެއީ އެއްވެސް ހާލެއްގައި އާންމުންގެ މެދުގައި ނަފްސާނީ ބިރުވެރިކަން އުފައްދަނިވި ބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާއަކީ މީގެ ކުރިންވެސް ގޮންޖެހުންތަކަކާ ކުރިމަތިލާ، ނަސްރު ހޯދާފައިވާ ގައުމެއް ކަމަށާ، މިހާރުވެސް އެ ގައުމު އޮތީ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރަށް ކަމަށް ރާޖަޕަކްސަވިދާޅުވިއެވެ. ނަމަވެސް ގައުމަށް މިހާރު އެންމެ ބޭނުންވަނީ އެއްބައިވަންތަކަން ކަމަށް ރާޖަޕަކްސަ ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކާގެ އާ ރައީސް ގޮތަބާޔާ ރާޖަޕަކްސަ/ފޮޓޯ: އިރާންގާ ޖާޔަވަރުދަނާ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސްރީލަންކާއިން ދަނީ ހިނދުން ހިނދަށް، ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ. އެގޮތުން ސަރުކާރު ބަންދުކޮށް، ޕްރައިވެޓް ކުންފުނިތަކުންވެސް އާންމު ޗުއްޓީ އިއުލާން ކުރުމަށް ގޮވާލާފައިވާއިރު، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތައްވެސް ވަނީ ހުއްޓާލާފައެވެ. ކަރަންޓީނަށް މަކަރު ހަދާ މީހުންނާ ގަވައިދުތަކަށް ބޯނުލަނބާ މީހުންނަށް ޝަރުއީ އިމުގެ ތެރެއިން ދައުވާކޮށް އަދަބު ދިނުމަށް އެގައުމުގެ ދިފާއީ ވުޒާރާއިންވަނީ ފުލުހުންނާ ގުޅިގެން މަސައްކަތް ފަށާފައެވެ. ޒަރޫރީ ބޭނުމަކަށް މެނުވީ ދަތުރުފަތުރު ނުކުރުމަށް ގޮވާލާ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމުތައް ސަރުކާރުން ދަނީ ހަމަޖައްސާދެމުންނެވެ. އަދި މުދާ ވިއްކޭނެ އެންމެ މަތީ އަގުތައްވެސް ސީދާ ރައީސްގެ އަމުރެއްގެ ދަށުން ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ސްރީލަންކާގައި އެކުލަވާލާފައިވާ އޮޕަރޭޝަންސް ސެންޓަރުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އިއްޔެ އެކަނިވެސް އެގައުމުން 15 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިވަނީ 44 އަށް އަރާފައެވެ. މީގެ ތެރެއިން 1 ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.

ސްރީލަންކާއަކީ ރާއްޖޭގެ ސަރަހައްދީ އިމުން ބޭރުން، އެންމެ ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެގެން އުޅޭ ގައުމެވެ.