ކޮރޯނާވައިރަސް އާ ގުޅިގެން ދެ ހަރަމް ފިޔަވާ ހުރިހާ މިސްކިތެއް ގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ސައުދީގައި މަނާކޮށްފިއެވެ. ވަގުތީ ގޮތުން ސައުދީން ފިޔަވަޅު އެޅި މި ދަނޑިވަޅަކީ، ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ސައުދީން ވެސް ފެނި އަދި މާތްވެގެންވާ މައްކާއިންވެސް ފެނިފައިވާ ދަނޑިވަޅެކެވެ.

ސައުދީން މި ފިޔަވަޅު އަޅާ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި މި ވަގުތު ގޭގައި ތިބެގެން ނަމާދު ކުރުމަށެވެ. އަދި ޖަމާއަތް ހަދައިގެން މިސްކިތްތަކުގައި ކުރާ ހުރިހާ ނަމާދެއް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އޭގެ ތެރޭގައި ހުކުރު ނަމާދުވެސް ހިމެނެއެވެ.

ސައުދީން ނެރުނު ބަޔާނުގައި ބުނީ، ވަގުތީ ގޮތުން ގެނައި މި ބަދަލާއެކު، މިސްކިތްތަކުގެ ދޮރުތައްވެސް ބަހައްޓާނީ ލައްޕާފައި ކަމަށާއި ނަމަވެސް ބަންގި ދޭނެ ކަމަށެވެ.

ދުނިޔޭގެ އެކި ބައްރުތަކަށް ފެތުރިފައިވާ ކޮރޯނާވައިރަސްފައި މަރުވި މީހުންގެ އަދަދު 8000 ހާ ގާތް ކުރާއިރު ބަލިޖެހުނު މީހުންގެ އަދަދު ވަނީ 2 ލައްކައާ ގާތްކޮށްފައެވެ. ފަރުވާއެއް ހޯދިފައި ނުވާ މިބައްޔަކީ ވަރަށް ބާރަށް ފެތުރެމުންދާ އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ބައްޔެކެވެ.