ސައުތު ކޮރެއާއިން ރާއްޖެ އައި ފަހުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނު މީހާ ކަރަންޓީނު ވުމަށް ފަރުކޮޅުފުއްޓަށް ދާން އެއްބާރުލުން ނުދީ، ހުރަސްއެޅި ކަމަށާއި އެ މައްސަލަ ފުލުހުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އޭނާއަށް ގޭގައި މަޑުކުރުމަށް އަންގާފައި ވަނިކޮށް އެކަމަށް އެއްބާރުލުން ނުދީ އަންގާފައިވާ ގޮތަށް އަމަލުކޮށްފައި ނުވާ މައްސަލަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހުށަހަޅާފަ ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުން ފުލުހުން ވަނީ ވިލިމާލެއަށް ގޮސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެޗްޕީއޭއާ މިއަދު މެންދުރުގެ ވަގުތެއްގައި ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހެދި މައްސަލަ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ ދަށުން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް އަމަލު ކުރާ މީހުންގެ މައްސަލަ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ވިލިމާލެއިން ޝައްކުވާ މީހާއަކީ ސައުތު ކޮރެއާއިން އައި މީހެކެވެ. އޭނާގެ ފަރާތުން އަލާމާތްތައް ފެނިފައި ވާތީ އޭނާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާތަކެއް އަދި ނުލިބެއެވެ.
ވިލިމާލޭގައި މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، ރިސޯޓްތަކުން މީހުން ފާބައި މީހުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާކޮށްފައި ވަނިކޮށް މީހަކު ވަނީ ފަތާފައި އައްޑުއަށް އަރާފައެވެ. އެމީހާ ހައްޔަރުކޮށް މިހާރު ވަނީ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުކޮށް، ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފައެވެ. ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ދެ ހަފުތާއަށް ބަންދުކޮށްފައި ވާއިރު، ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފައެވެ. އަދި ސިނާމާތައް ވެސް ބަންދުކުރަން ވަނީ އަނގާފައެވެ. އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިއުން މަނާ ކުރުމާއި އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުންވެސް ވަނީ މަނާކޮށްފައެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ބަންދުކުރޭ އެހެންމީހުންގެ އާއްމުރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާ ދެން ބަންދުކުރުން ނޫންގޮތެއްނެތެއްނޫންތޯ ބަންދުކޮގެންވެސް އެހެންމީހިންގެ ރައްކާތެރިކަން ދަމަހައްޓައިދެއްވާ
މިފަދަ ނުރައްކާތެރި ކަމެއްގައި ކަމާއިބެހޭ ފަރާތްތަކުގެ އެންގުމާ ޚިލާފު ވުމުގެ ސަބަބުން ބަލިފެތުރިއްޖެ ނަމަ ޒިއްމާ ނެގޭނެބާ؟ ޗައިނާގައި ކަންކުރިގޮތައް ކަންނުކޮށް މިކަން ކޮންޓްރޯލެއް ނުވާނެ ދޫދީ ފިއްޔާ ފޫނުނެއްދޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ