ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރާގު މޯބައިލް ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން އެ ކުންފުނީގެ މޮބައިލް ޕޯސްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް މާރިޗު އަދި އެޕްރިލް މަހުގައި ދިނުމަށް ނިންމައިފިއެވެ.
އެގޮތުން، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ޕްރީޕެއިޑް މަންތްލީ ޑޭޓާ ބަންޑަލްސް ތަކުން ދޭން ވަނީ ހަމަޖައްސާފައިވާ ކމަށް ދިރާގުން ބުނެއެވެ. އަދި އޭގެ އިތުރުން، މިދުވަސްވަރު ކޯލް ކުރުމުގެ މުއާމަލާތްތައް އިތުރުވާނެ ކަމުން، ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް15"ގެ އަގު 50 އިންސައްތަ ކުޑަކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ އިތުރަށް ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރެއިން ޑޭޓާ އެކުލެވިގެންވާ ހުރިހާ ޕްލޭނަކަށް ހިލޭ އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ. އެގޮތުން އެ ކަސްޓަމަރެއްގެ ޕްލޭނަކާ އެކަށީގެންވާ ގޮތަށް އެންމެ ކުޑަ ޕްލޭނުން ފެށިގެން 500އެމްބީ އާއި 10ޖީބީ އާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެކަމަށާއި، މާރިޗު މަހުގެ އިތުރު ޑޭޓާ މިހާރު ވަނީ "ކަނެކްޓް ޑޭޓާ" ގެ ނަމުގައި ކަސްޓަމަރުންނަށް ދީފައި ކަމަށް ދިރާގުން ބުނެއެވެ. ލިބިފައިވާ އިތުރު ޑޭޓާ ކަސްޓަމަރުންނަށް ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.
ކޮވިޑް 19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަ ކޮށްދިނުމަށް މަސައްކަތް ކުރަމުގެ ގޮތުން، ދިރާގުން ވަނީ މި ހިނގާ މާރިޗް އަދި އެޕްރީލް މަހުގައި ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމާ އަދި މާރިޗު މަހުގެ އިތުރު ޑޭޓާ މިހާރު ވަނީ ކަސްޓަމަރުންނަށް ދީފައެވެ.
އަދި މީގެ އިތުރުން ދިރާގުން އިއްޔެ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކަސްޓަމަރުންގެ ފިކްސްޑް ބްރޯޑްބޭންޑްގެ މަހު ފީ އިން 25 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ކަނޑައަޅާ، ގެސްޓްހައުސް އިންޓަނެޓް ޕެކޭޖެތަކުގެ މަހުފީ އިންވެސް 25 އިންސައްތަ ޑިސްކައުންޓް ދޭން ވަނީ ކަނޑައަޅާފައިއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ބަލަނީ ގައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުން ކަމަށެވެ. އަދި މީގެ އިތުރުންވެސް ދިރާގުން ވަނީ އިތުރު ކަސްޓަމާ ސެގްމެންޓް ތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައި ކަމަށް އެ ކުންފުނިން ބުނެއެވެ.