ވިލިވަރުގެ އައިސޮލޭޝަންގައި ތިބި އެންމެން ހުޅުމާލެ އައިލެންޑް ހޮޓަލަށް (އެޗްއައިއެޗަ)އަށް ބަދަލުކޮށްފިއެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވިލިވަރުގެ އައިސޮލޭޝަންގައި ތިބި 15 މީހުން އެޗްއައިއެޗަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

ޓޫރިސްޓް ސަޕޯޓް ސެންޓަރެއްގެ ގޮތުގައި އެޗްއައިއެޗް ހަަމަޖައްސައިފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ. އެޗްއައިއެޗް މިހާރު ޓްރެވަލް ސަޕޯޓް ސެންޓަރެއްގެ ގޮތުގައި ހަމަޖެއްސާފައި ވަނީ އެޗްޕީއޭއިން ޓްރެވަލް ރެސްޓްރިކްޝަން ނެގިފަހުން ދިމާވާ ކަންކަމުގައި ބޭނުންކުރެވޭނެ ހޮޓަލެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ދަނީ އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީގެ ޖާގަތައްވެސް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންފާއިރު، ވިލިވަރުގެ ޖާގަ 100އަށް ބޮޑު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އއ. ވެލިދޫގައި ހިންގަމުން އައި ވެލިދޫ އައިލެންޑް ރިސޯޓު ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާރު ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި ވިލިވަރުގެ ޖާގައަކީ 30 ކޮޓަރިއެވެ. އަދި ފަރުކޮޅުފުށީގެ ޖަގަ އަކީ 50 ކޮޓަރިއެވެ.

މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން އައިސީޔޫގައި ހުރި އެނދުގެ ޖާގަ 200 އަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އައިސީޔޫގެ ޖާގަ އިތުރު ކުރަނީ ކޮންތާކުކަމެއްވެސް ހާމައެއް ނުކުރެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.