ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސް ޝައްކުވާ ދެ މީހަކު ރާއްޖޭގެ ސަފާރީއަކުން ފެނި ޝައްކުވި 2 މީހުންގެ ސާމްޕަލްނަގައި، ސަފާރީ މޮނީޓަރިންއަށް ގެންގޮސްފިއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން "މައި ސްކައި" ނަމަކަށް ކިޔާ ސަފާރީ އުޅަނދަކުން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށައި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ސަފާރީ އުޅަނދުވަނީ މޮނިޓަރިންގް ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ.

އެ ސަފާރީ އޮތީ ރާއްޖޭގެ ކޮން ސަރަހައްދެއްގައި ކަމާއި އޭގައި ތިބި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރައްވައެވެ.

ފުވައްމުލަކު ކައިރީގައި އޮތް "އައިލެންޑް ސަފާރީ" ގައި ތިބި ދެ ޓޫރިސްޓަކު ވެސް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައެވެ. އަދި އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ ދެމީހުން މިހާރު ތިބީ ހުޅުމާލޭގައި ހުންނަ ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީގައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. އޭގެ ތެރެއިން ހަ މީހުންނަކީ ފިރިހެނުންނެވެ. އަދި ހަތް މީހުންނަކީ އަންހެނުންނެވެ.