ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން އިގްތިސާދީ ގޮތުން ބޮޑު ލޮޅުމެއް އަރާފައިވާ ދަނޑިވަޅެއްގައި މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ މިވަގުތު ކަނޑައެޅުމަކީ ބޭކާރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓް ދިރާސާކުރުމަށް އިއްޔެ ބޭއްވި އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެކޮމިޓީގެ މެންބަރެއްގެ ގޮތުގައި އިންނަވާ ގާސިމް ވިދާޅުވީ، މިވަގުތަކީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށާއި މިވަގުތު ރާއްޖެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ އިރު އެއީ ތަންފީޒު ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
ކޮރޯނާވައިރަހުގެ ނުރައްކަލާއެކު މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރުކޮށްފައި ވާއިރު މިވަގުތު މިނިމަމްވޭޖު ކަނޑައެޅިއަސް އެވަރު ނުދެވޭނެ ކަމަށާއި ރާއްޖެވެސް މިވަގުތު މިއޮތީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށް ގާސިމް ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދަށް ވެސް ގޮންޖެހުންތައްކެއް ކުރިމަތިވެފައިވާ ކަމަށާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި މިނިމަމް ވޭޖެއް މުވައްޒަފުންނަށް ހަމަޖެހިގެން ދަނީ، އަމިއްލައަށް ކަންވެސް ގާސިމް ފާހަގަ ކުރައްވާފައި ވެއެވެ. އެގޮތުން އެތަނެއްގެ އިގްތިސާދާއި ކުންފުނިތައް ކުރިއަރަމުން އަންނަ ގޮތެއްގެ މައްޗަށް މިނިމަމް ވޭޖެއް އޭގެ ޒާތުގައި ހަމަޖެހިގެންދާނެ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.
މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެއެވެ.
އެންމެ ފުރަތަމަ މިނިމަމްވޭޖުގެ ކަނޑައެޅިގެން އަންނަ އިރު ބިދޭސީން އިސްތިސްނާވާނެ ކަމުގައިވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެންމެނަށް އެއް ހަމައެއްގައި އުޖޫރަ ދިނުން ކަމުގައިވާނަމަވެސް ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ބަލަންޖެހޭނެ ކަމަށް ބުނެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވައިގެން އިއްޔެ ބޭއްވި ސާކްސް ސަރަހައްދުގެ ލީޑަރުންގެ ޓެލެ ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ކޯވިޑް-19 ގެ ސަބަބުން ޓޫރިޒަމް އިނދަޖެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.