ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން މިއަދުން ފެށިގެން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާ ސިޓީ ފަދަ ތަކެތި އޮންލައިން ކޮށް ބަލައިގަތުމަށް ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ ރިސެޕްޝަނުން ސިޓީ އާއި އިންވޮއިސް ފަދަ ތަކެތި ބަލައިގަތުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމުން ފޮނުވާ ލިޔެކިޔުން ފަދަ ތަކެތި ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

އެ މިނިސްޓަރީން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަކި ގޮތަކަށް ބަދަލުވަންދެން، އެ މިނިސްޓްރީ އިން ތަކެތި ބަލައިގަންނަ އުސޫލު ބަދަލުކުރީ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކާ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ އޮފީސްތަކުން އޮންލައިންކޮށް ހިދުމަތްތައް ހޯދުމަށް ވަނީ އެދިފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.