ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް އާ ގުޅިގެން އިގްތިސޯދަށް އަންނާނެ ލޮޅުންތަކުން އަރައިގަންނަން ހަރަދު ކުޑަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮއްތު ކަނޑާލުމުގެ މަސައްކަތް ފަށައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ހަރަދުތައް ކުޑަކުރުމަށް މަޖިލީހުގެ މެންބަރުންގެ ކޮއްތާއި ބޯފެން ވެސް ކަނޑާލުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް ހަމައެކަނި ކޮއްތު ކަނޑާލާ ގޮތަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މަޖިލީހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކު މަޖިލީހުގެ ކޮންމެ މެމްބަރެއްގެ ކޮއްތުގެ ގޮތުގައި ދުވާލަކު 159.88 ރުފިޔާ ހަރަދުވެއެވެ. އެއީ ދުވާލަކަށް ގާތްގަނޑަކަށް 13،900 ރުފިޔާއެވެ. މަޖިލީހުގެ ޖަލްސާ ހަފުތާގެ ތިން ދުވަހަކު އާންމު ގޮތެއްގައި ބާއްވާއިރު، އެ މަގުން މަހަކަށް ގާތްގަނޑަކަށް 165،000 ރުފިޔާ މެންބަރުންގެ ކޮއްތަށް ހޭދަވެއެވެ.
މަޖިލީހުގެ މެންބަރުންގެ ކޮއްތު ކަނޑާލުމުގެ މަސައްކަތް ފަށާފައި ވާއިރު، މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް އެ މަޖިލީހުގެ މެޖޯރިޓީ އޮތް އަދި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ވަނީ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.