އަނަންތަރާ ކިހަވައް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އަނަންރަތާ ކިހަވައް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަރާތް މިވަގުތު ވަނީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ. އަދި އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، އެ ރިސޯޓް އޮތީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ކަމަށް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން މިހެން ބުނެފައި ވާއިރު، އަނަންތަރާ ދިގު މޯލްޑިވްސް އިން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ދެމީހަކު ފެނިފައެވެ. އަދި މީގެ އިތުރުން އެ ރިސޯޓުން ބަޔަކު މި ބައްޔަށް ޓެސްޓު ކޮށްފައި ވާއިރު، އެމީހުންގެ ޓެސްޓު ވަނީ ނެގެޓިވް ކަމަށް ދައްކާފައެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހަކު ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރި އަކާއި، ތުރުކީގެ ފަތުރުވެރި އަކާއި، ސައުތްއެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ.