ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދުން މިދިޔަ އަހަރުގެ ފަހުކޮޅު ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަކީ ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާއެކެވެ. މި ރޯގާ ޖައްސާ ވައިރަހުން ދިފާއުވާނެ ވެކްސިންއެއް އަދި ލިބެން ނެތްއިރު، ފަރުވާއެއްވެސް ނެތެވެ.

ކޮވިޑް-19ގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު އޭގެ ނިޝާންތައް ފެންނަން ފެށުމާ ދެމެދު ހޭދަވާ މުއްދަތަކީ 28 ދުވަސް ކަމަށް ދާދި ފަހުން އަޑުފެތުރުނު ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި މިމުއްދަކީ ގާތްގަނޑަކަށް 14 ދުވަހެވެ. މިމުއްދަތުގެ ތެރޭގައިވެސް ދެވަނަ މީހަކަށް ވައިރަސް ފޯރާ ގޮތްވުމުގެ

ޗައިނާ ރޯގާ ނުވަތަ 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ބާޒާރެއް ހިމެނޭ ސަރަަހައްދުން/ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް

ނަތީޖާއަކަށްވީ ކޮންޓްރޯލް ކުރަން ދަތި ދުވެއްޔެއްގައި ވައިރަސް ފެތުރި، ބައިނަލްއަގުވާމީ ބަލިމަޑުކަމަކަށް މި ރޯގާ ބަދަލުވުމެވެ. މިއާއެކު، ގައުމުތަކުން ހަރުކަށިފުޔަވަޅުތަކެއް ތަންފީޒުކުރަން ފެށިއެވެ. އެންމެ ހަރުކަށި ފިޔަވަޅެއްގެ ގޮތުގައި މުޅި ގައުމު ނުވަތަ ގައުމުން ބައެއް، ލޮކްޑައުން ހާލަތަށް ގެންދެއެވެ. މިއީ ގައުމަށް ވަދެނިކުމެވުމުން ފެށިގެން ގޮސް، ގައުމު ތެރޭގައިވެސް ދަތުރުފަތުރާ އެނޫންވެސް އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއް ހުއްޓުމަކަށް ގެންނަ ހާލަތެކެވެ.

ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ލޮކްޑައުންގެ ހާލަތު އިއުލާންކޮށްފައިވާއިރު މި ލިސްޓަށް އެންމެ ފުރަތަމަ އެރީ ބަލީގެ ފެށުން ކަމުގައިވި ޗައިނާއެވެ. ބަލި ފެށިގެން އައި ދުވަސްވަރާ އަޅާ ބަލާއިރު ޗައިނާގައި މި ރޯގާ ފެތުރުން މުޅިންހެން ކޮންޓްރޯލްވެ، ބައެއް ފިޔަވަޅުތަކަށް ދޫ ދީފައިވީ ނަމަވެސް، އެ ގައުމުގެ ބައެއް ސަރަހައްދުތައް އަދިވެސް އޮތީ ލޮކްޑައުން ހާލަތުގައެވެ. މި ރޯގާ އެންމެ ފުރަތަމަ ފެންނަން ފެށި ހޫބޭ ޕްރޮވިންސް އަދިވެސް އާންމު ހާލަތަށް ގެނެސްފައެއް ނުވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިޓަލީވިލާތުން ވަނީ ހުރިހާ އެންމެންވެސް ގޭގައި މަޑުކުރުމަށް އަމުރުކޮށްފަ/ފޮޓޯ: އީޕީއޭ

ޗައިނާއަށްފަހު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔައީ އިޓަލީވިލާތުގައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ، ކޮވިޑް-19 މިހާރު އެންމެ ނުރައްކާ ދަރަޖައެއްގައި އޮތީ ވިލާތު ބައްރުގައި ކަމަށް ކަނޑައަޅާފައެވެ. އިޓަލީވިލާތުގައި އަދިވެސް ބަލި ކޮންޓްރޯލެއް ނުކުރެވެއެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓިގެ ރެކޯޑްތަކަށް ބަލާއިރު އިޓަލީވިލާތުން 28000 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 2100 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ހުކުރު ދުވަހުން ފެށިގެން މުޅި ގައުމު އޮތީ ލޮކްޑައުންކޮށްފައެވެ.

އިޓަލީވިލާތަށްފަހު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސްޕެއިންގެ ހާލަކީވެސް މިއީއެވެ. ވަޒީފާއަށް ދިއުމާ، ކޮންމެހެން ބޭނުންވާ ޒަރޫރީ އެއްޗެއް ގަތުމަށާ، ހޮސްޕިޓަލަށް ދިއުމަށް މެނުވީ ގެއިން ބޭރަށް ނިކުމެއުޅުން މަނަލެވެ. ސްޕެއިންއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10000 އަށް އަރާއިރު، ސްޕެއިންވަނީ ހުރިހާ މޭރުމަކުން ކުރާ ދަތުރުފަތުރަށް އެގައުމުގެ ބޯޑަރު ބަންދުކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން މެޓްރޯ މަނީލާ ސަރަހައްދު ލޮކްޑައުންއަށް ގެނައުމުގެ މަސައްކަތުގައި ފިލިޕީންސްގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަނީ/ފޮޓޯ: އޭރޮން ފަވީލާ

މިދިޔަ ހޯމަ ދުވަހުން ފަށައިގެން ގައުމުގެ ދެބައިކުޅަ އެއްބައި ލޮކްޑައުން ހާލަތަށް ގެނައި ގައުމަކީ ފިލިޕީންސްއެވެ. މިއީ އެގައުމުގައި ވައިރަސް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅަކަށްވާއިރު، އާންމު ދަތުރުފަތުރުގެ ނިޒާމު ވަނީ މުޅިން ހުއްޓުލާފައެވެ. އަދި އޮފީސްތައްވެސް ވަނީ ބަންދުކޮށްފައެވެ.

މެދުއިރުމަތީގައިވެސް ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާއިރު ލޮކްޑައުން ހާލަތު އިއުލާންކޮށްފައިވަނީ ލުބްނާނުންނެވެ. އެގައުމުން މި ވައިރަހަށް ޕޮޒިޓިވްވެފައިވަނީ 100އަށްވުރެ މަދު އަދަދެއްގެ ބަޔަކު ކަމުގައި ވީ ނަމަވެސް ލުބްނުން ވަނީ ދުރާލާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާދީއްތަ ދުވަހުން ފަށައިގެން 2 ހަފުތާގެ މުއްދަތަށް މުޅި ގައުމުވަނީ ލޮކްޑައުންކޮށްފައެވެ. ސަރަހައްދީ އިންތައް ވަނީ ބަންދުކޮށްފައެވެ. އާންމު މީހަކަށްވެސް ގެއިން ބޭރަށް ނިކުމެވެނީ ކޮންމެހެން ނިކުންނަން މަޖުބޫރުވެއްޖެ ހާލަތެއްގައެވެ.

ޗައިނާއަށް ދަތުރުކުރާ ފަސެންޖަރުން 2019-އެންކޯވް ރޯގާއަށް ސްކްރީން ކުރުމަށް މެލޭޝިއާއިންވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ/ފޮޓޯ: އޭއެފްޕީ ފެކްޓްޗެކް

ކޮވިޑް-19އާ ގުޅިގެން ލޮކްޑައުން ހާލަތު އިއުލާން ކުރި ގައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވީ މެލޭޝިއާއެވެ. މެލޭޝިއާ ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މެލޭޝިއާގައި ލޮކްޑައުން އިއުލާން ލުރީ މިސްކިތެއްގައި ކުރިއަށްދިޔަ ހަރަކާތަކަށްފަހު ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19އާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ދަނީ މިނޫނަސް އިތުރު ފިޔަވަޅުތައް އެކި ގޮތް ގޮތަށް އަޅަމުންނެވެ. އެގޮތުން ބަލީގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުން އަންނަ ފަރާތްތަކަށް ވިސާ ދިނުން ހުއްޓާލުމާ، އެފަދަ ގައުމަކުން އަންނަ މީހަކު ކޮންމެހެން އެތެރެކުރަންޖެހިއްހެ ހިނދެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށް ލާޒިމުކުރުން ފަދަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އަދި ކަރަންޓީނަށް މަކަރު ހަދާ ފަރާތްތަކާ، އެނޫންވެސް ގޮތްގޮތުން ނެރެފައިވާ އަމުރުތަކަށް ނުކިޔަމަންތެރިވާ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށްވެސް ގައުމުތަކުން ވަނީ މަސައްކަތް ފަށާފައެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ފުރަތަމަ ފަހަރަށް އިންސާނުންގެ ހަށިގަނޑުގައި ވެކްސިންއެއް ޓެސްޓު ކުރަން ފަށަފައިވާއިރު، މި ވެކްސިން ކާމިޔާބުވާނެކަން އެނގުމަށް އަދި ދުވަސްތަކެއް ނަގާނެއެވެ. ކާމިޔާބުވެއްޖެނަމަ އާންމު ބާޒާރަށް ވެކްސިން ފޯރުމަށް އަދި 18 ވަރަކަށް މަސް ހޭދަވާނެ ކަމަށް ބެލެވެއެވެ.