ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޛޭގައި ޝައްކުވާ ފަރާތްތައް ބޭރަށް ނުކުމެ އާންމުންގެ ތެރޭގައި އުޅުމަކީ ހަޑި އަދި މަނާ ކަމެއް ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މަބްރޫކް މިހެން ވިދާޅުވީ، ހޯމް އައިސޮލޭޓް ނުވަތަ ހޯމް ކަރަންޓީނު ކުރުމަށް އަންގާ ފަރާތްތަކުން ގޭގައި މަޑުނުކޮށް، ބޭރުތެރޭގައި އުޅޭތީ އެކަމާމެދު އަޅަނީ ކޮން ފިޔަވަޅެއްތޯ އަހާ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވެސް ވަނީ އައިސޮލޭޝަންގައި ނުވަތަ ކަރަންޓީނުގައި ތިބޭ ފަރާތްތައް ގެއިން ބޭރަށް ނިކުމެގެން އުޅުމަކީ ގާނޫނީ ކުށެއް ކަމަށް ވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ، ގާނޫނު އަސާސީގެ 121 މާއްދާގެ (ހ)ގައިވާ ގޮތުން މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، އެހެން މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިނަަމަ، އެ އަމަލު ހިންގި މީހާ އެކުރަނީ ކުށެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ، ގާނޫނުއަސާސީގެ 121 މާއްދާގެ (ރ) ގެ 1: ދަރަޖަ ކުރުމަކީ، އެ ކުށުގެ އަމަލު ހިންގީ އިންސާނާގެ ފުރާނައަށް އެއްވެސް ފަރުވާލެއް ނެތް ގޮތުގައި ކަމުގައި ރަމްޒުކޮށްދޭ ހާލަތެއްގައި (މިސާލަކަށް ކަރަންޓީނު ކޮށްފައި ހުއްޓާ ހޮޓަލަށް ކޮފީއަށް ދިއުން) ކަމުގައިވާނަމަ، އެ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރިއަކާއި، ތުރުކީގެ ފަތުރުވެރިއަކާއި، ސައުތް އެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ.