ސަފާރީގައި ތިބި ދެ މީހުން ފަރުކޮޅުފުއްޓަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވި 2 ގެސްޓުން ފަރުކޮޅުފުއްޓަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

މަބްރޫކް މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އައިލެންޑް ސަފާރީ 1 ގައި ތިބީ 16 މުވައްޒަފުންނާއި 16 ފަތުރުވެރިންނާއި އެކު ޖުމްލަ 32 މީހުންނެވެ. އެ ސަފާރީ ލާމު އަތޮޅާށް ކައިރިކޮށް ލާމު އަތޮޅުން ހެލްތްގެ ރެޕިޑް ރެސްޕޮންސް ޓީމަކުން ގޮސް، ޕޮޒިޓިވްވި ދެ ފަތުރުވެރިން ހެލްތްގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް އޭނާ ވަނީ ވިދާލުވެފައެވެ. އަދި އެ ސަފާރީގައި ބާކީ ތިބި މީހުން ސަފާރީގައި މާލެއާ ދިމާލަށް ދަތުރުކޮށް، އެމީހުން މާލެ ކައިރީގައި ހުރި އައިސޮލޭޝަން ފެސިލިޓީއެއްގައި އައިސޮލޭޓް ކުރާނެ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.