ކޮވިޑް-19އާ ގުޅިގެން ސެނެޓައިޒާ އާއި މާސްކް ރާއްޖެ އެތެރެކުރުމުގައި ހުއްދައެއް ނަގަން ނުޖެހޭގޮތަށް ނިންމާފައިވާ ކަމަށް ކަސްޓަމްސުން ބުނެފިއެވެ

ކަސްޓަމްސުން ކުރި ޓުވީޓެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސެނެޓައިޒާ އާއި މާސްކް ރާއްޖެ އެތެރެކުރުމުގައި ހުއްދައެއް ނަގަން ނުޖެހޭގޮތަށް ނިންމާފައިވާ ކަމަށެވެ.

ކަސްޓަމްސުން މިގޮތަށް ނިންމާފައިވާއިރު، ބައެއް ވިޔަފާރިވެރިން ތަކެރީގެ އަގު ހެޔޮކުރަމުން އަންނަ ކަމަށާއި ބައެއް ވިޔަފާރިވެރިން އާންމުކޮށް ސެނެޓައިޒާ އާއި މާސްކް އަގުބޮޑުކޮށް ވިއްކަމުންދާ ކަމަށްވެސް ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ.

އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވެފައި ވަނީ ސެނެޓައިޒާ އާއި މާސްކް އަގުބޮޑުކޮށް ވިއްކަމުން ދާކަން މޮނިޓާ ކުރެވެމުންދާ ކަމަށާއި އާންމުންގެ ކަންބޮޑުވުންތައް ފާޅުކުރަމުން ދާ ކަން ސޯޝަލް މީޑިއާއިން ފެނިވަޑައިގަންނަވާ ކަމަށެވެ.

ފައްޔާޒް އެހެން ވިދަޅުވެފައި ވާއިރު އެސްޓީއޯއިން ހޭންޑް ސެނެޓައިޒާ އާންމުންނަށް ވިއްކުން ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަޑުޖައްސާލައިފައެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ މިވަގުތަކީ ސައިބޯނި ލައިގެން އަތް ދޮވުން މުހިއްމު ވަގުތެއް ކަމަށާއި ހޭންޑް ސެނެޓައިޒާ އާންމުންނަށް ވިއްކުން މަޑު ޖައްސާލާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.